Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ފުލުހުން ދުވަންވީ ބެނާ އާއި ފޮތިތައް ނައްޓާކަށް ނޫން: ފައިސަލް

އިއްތިހާދުގެ ރަނިން މޭޓަށް ބ. ފެހެންދޫ ރައްޔިތުން މަރުހަބާ ދަންނަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުލުހުން ބޭނުންކޮށްގެން ހަޑި ހުތުރު ކަންކަން ކުރަމުންދާ ކަމަށާއި ފުލުހުން ދުވަންވީ ބެނާ އާއި ފޮތިތައް ނައްޓަން ނޫން ކަމަށް އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓު، ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ފެހެންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން ފައިސަލް ވިދާޅުވީ ސަރުކާރުން ފުލުހުންނަށް ނުފޫޒު ފޯރުވިޔަސް، އިދިކޮޅު ވެރިކަމެއްގައި އެންމެ ބޭނުންވާ ކަމަކީ ފުލުހުންނަކީ ޝަރަފުވެރިކަމާއި ކަރާމާތާއެކު ޤާނޫނުން ކަނޑައަޅާފައި އޮތް ކަންކަން ކުރާ ބަޔަކަށް ވުން ކަމަށެވެ.

އަދި ރައްޔިތުން ރޮމުން ދަނީ މަގުތަކުގެ ސަލާމަތްތެރިކަން ގެއްލިފައި އޮތުމުން ކަމަށާއި އިއްތިހާދުގެ ވެރިކަމެއްގައި ފުލުހުން މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން، ގއ. ކޮލަމާފުށީގައި ހިނގަމުން އަންނަ ހަމަނުޖެހުމަށް ހުއްޓުމެއް ގެނެސް، މިހާރު ހައްޔަރުކޮށްފައި ތިބި ހުރިހާ އެންމެން ދޫކޮށްލުމަށް ވެސް ފައިސަލް ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

ފައިސަލް މިހެން ވިދާޅުވިއިރު، މާލެ އާއި ރަށްރަށުގައި އިދިކޮޅު ފަރާތްތަކުން ދަމާފައި ހުންނަ ބެނާތަކާއި ދިދަތައް ފުލުހުން ނަގަމުންދާތީ، ގިނަ ބައެއްގެ ފާޑުކިޔުންތައް ފުލުހުންނާއި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.