ހުޅުލެއާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖާއި ގުޅިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ތައުުރީފު ލިސްޓްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ހިމަނާފައިނުވާތީ، މައުމޫންގެ ވަފާތެރިންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރައީސް ވަހީދު އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވީ ބްރިޖުގެ ހަގީގީ ތަސައްވުރަކީ ރައީސް ނަޝީދުގެ ތަސައްވުރެއް ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ބްރިޖުގެ ދެ ކުރެހުމެއް ގެންގުޅުއްވި ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ. ދެ ކުރެހުން ވެސް ރައީސް ނަޝީދު ދައްކަވާލެއްވި ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ރައީސް ނަޝީދު ގެންގުޅުއްވި ބްރިޖުގެ އެއް ކުރެހުމުގައި ބްރިޖު އަޅަން ނިންމާފައި އޮތީ މާލެއިން ފޮނަދޫ އަށް އަދި ފުނަދޫއިން ހުޅުލެއަށް ކަމަށް ވިދާޅުވި އެވެ. އަދި ދެވަނަ ކުރެހުމުގައި ވަނީ މާލެ އިން ސީދާ ހުޅުލެއަށް ބްރިޖު އެޅުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ބްރިޖްގެ ތަސައްވުރަކީ ރައީސް ނަޝީދުގެ ތަސައްވުރަކަށްވީ ނަމަވެސް ބްރިޖު މަޝްރޫއު ތަންފީޒު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އެހެންކަމުން ބްރިޖު މަޝްރޫއުގެ ހުރިހާ ތައުރީފެއް ހައްގުވަނީ ރައީސް ޔާމީނަށް ކަމަށްވެސް ރައީސް ވަހީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ވަހީދު ވިދާޅުވީ ތާރީހީ މިމަޝްރޫއު ހަގީގަތަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދިޔަ މަތީފެންވަރުގެ ފުރަތަމަ މަޝްވަރާތައް ޗައިނާގެ ޕްރިމިއާ ވެން ޖިއާބޯއާއެކު ކުރައްވަން އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގަތުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ.
ބްރިޖު މަޝްރޫއު ހަގީގަތަކަށް ވުމުން ރައީސް ވަހީދުގެ މެސެޖުގައި ވަނީ ކުރީގެ ރައީސް ނަޝީދަށާއި ރައީސް ޔާމީނަށާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ޝުކުރު އަދާ ކުރައްވާފަ އެވެ. މީގެއިތުރުން ޝުކުރުގެ ލިސްޓުގައި ރައީސް ވަހީދު ވަނީ ރާއްޖެއިން ޗައިނާ އަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި މީގެކުރިން ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ރަޝީދާއި، ޗައިނާގައި މިހާރު ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލްގެ ނަން ވެސް ހިމަނުއްވާފަ އެވެ.
އެ ލިސްޓްގައި ރައީސް މައުމޫންގެ ނަންފުޅު ހިމަނާފައިނުވާތީ ރައީސް ވަހީދަށް ފާޑުވިދާޅުވަމުން މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި އިސްކޮށް މަސައްކަތް ކުރައްވާ އައިމިނަތު ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 1990 ވަނަ އަހަރުތަކުގެ ތެރޭގައި ހުޅުމާލޭގެ ޕްލޭން ކުރިއިރު ވެސް ހުޅުމާލެ މާލެއާ ގުޅާލައި އެހެން ރަށްތައް ގުޅާލުމުގެ ކުރުހެއް ވެސް ކުރަހާފައިވާ ކަމަށެވެ. އެ ކުރެހުމުގެ ފޮޓޯއެއް ވެސް ނާދިރާ ޓްވީޓް ކުރެއްވި އެވެ.
The reclamation work initiated, the work began by the than Transport Min to cost of the bridge and to do the other initial studies. RM and his team always were visionaries and planning for the future and the good of the people". Get your facts right Former President @DrWaheedH pic.twitter.com/kWFGqizkpM
— Nadira #FreePalestine🔴⚫️⚪️🟢 (@a_nadraa) August 30, 2018
ހަގީގަތް ބެއްލެވުމަށް ރައީސް ވަހީދަށް އިލްތިމާސް ކުރައްވަމުން ނާދިރާ ވިދާޅުވީ، ރައީސް މައުމޫނާއި އެމަނިކުފާނަކީ ދުރުވިސްނުންތެރިން ކަމަށާއި ބްރިޖްގެ ޚަރަދާއި އެހެންވެސް ދިރާސާތައް އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ކުރި ކަމަށެވެ.