މިސަރުކާރުން ދިވެހިރާއްޖެއަށް ގެންނަމުންދާ ތަރައްޤީއާ އެކު މިވަގުތު ޢުމްރާނީ ގޮތުން އޭޝީއާގައި އެންމެ ކުރިއަރަމުންދާ އެއް ޤައުމަކީ ރާއްޖެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ޕީއެސްއެމްއިން ގެނެސްދިން "ސިނަމާލެ ބްރިޖު-ހުވަފެން ހަޤީޤަތަކަށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ސަޢީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ތަރައްޤީގެ އެތައް މަޝްރޫޢެއް ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ގެއްލިގެންގޮސްފައިވާ ކަމަށެވެ.
ނަމަވެސް، ރައީސް ޔާމީން ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ ހަމަޖެހުން ޤާއިމުކޮށް، އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތައް ފައްޓަވާފައި ކަމަށާއި، ރައީސް ޔާމީންގެ އަމާޒަކަށްވީ އެންމެ ޒަމާނީ އެއަރޕޯޓަކާއި، ދިވެހިންނަށް ތަހުޒީބު ސިޓީއެއް ބިނާކޮށްދެއްވުންކަމަށް ސައީދު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ އިޤްތިޞާދީ ތަޞައްވުރަކީ ދުނިޔޭގެ ލީޑަރުން، ޚާއްސަކޮށް އެޝިއާގެ ލީޑަރުން ޤަބޫލުފުޅުކުރައްވާ ތަޞައްވުރެއް ކަމަށެވެ.
ހަމައެއާކު ރާއްޖެ މިއަދު މިދެކޭ ތަރައްޤީ ރާއްޖެއަށް ގެނައުމަށް ކުރީގެ ލީޑަރުންވެސް ހުވަފެންތަކެއް ދެކުނުނަމަވެސް އެ މަސައްކަތްތަކަށް ޢަމަލީ ސިފަ ގެންނަން ކެރިވަޑައިނުގެންނެވި ކަމަށާއި، ސިނަމާލެ ބްރިޖަކީ ތަރައްޤީގެ ފެށުންކަމަށް ސައީދު ވިދާޅުވި އެވެ.
އަދި ރައީސް ޔާމީން ދެވަނަ ދަޢުރަކަށް ހޮވިވަޑައިގެންފިނަމަ ތަރައްޤީގެ އިތުރު މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމަށްވެސް ސައީދު ވިދާޅުވި އެވެ.