Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ބްރިޖްގެ ހުރިހާ ޝުކުރަކާއި ތައުރީފެއް ހައްގުވާ ފަރާތަކީ ހަމައެކަނި ރައީސް ޔާމީން: ޑރ. ޝަހީމް

ބްރިޖްގެ ހުރިހާ ޝުކުރަކާއި އަދި ތައުރީފެއް ހައްގުވާ ފަރާތަކީ ހަމައެކަނި ރައީސް ޔާމީން ކަމުގައި އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ ހުވަފެން ހަގީގަތަކަށް ހެއްދެވީ ﷲގެ ރަޙްމަތްފުޅާއެކު ރައީސް ޔާމީން ކަމަށެވެ.

"ބްރިޖްގެ ހުވަފެން ހަގީގަތަކަށް ހެއްދެވީ ﷲގެ ރަޙްމަތްފުޅާއެކު ރައީސް ޔާމީން. މިކަމުގައި ހުރިހާ ޝުކުރެއް އަދި ތައުރީފެއް ހައްގު ފަރާތަކީ ހަމައެކަނި ރައީސް ޔާމީން ކަމުގައި އަޅުގަނޑު ދެކެމެވެ. އިނާމު ހައްގުވާނީ މުބާރާތުގައި ވަނަހޯދޭ ކާމިޔާބުކުރާ ފަރާތަށެވެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖް މިރޭ ހުޅުވުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

ބްރިޖްގެ ތަސައްވުރަކީ ރައީސް ނަޝީދުގެ ތަސައްވުރަކަށްވީ ނަމަވެސް ބްރިޖު މަޝްރޫއު ތަންފީޒު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައީސް ވަހީދު ވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބްރިޖު މަޝްރޫއުގެ ހުރިހާ ތައުރީފެއް ހައްގުވަނީ ރައީސް ޔާމީނަށް ކަމަށްވެސް ރައީސް ވަހީދު ވަނީ ވިދާޅުވެފައެވެ.