ރަށެއްގައި ދިރިއުޅޭ މީހުންގެ އާބާދީ ކިތަންމެ މަދުނަމަވެސް އެރަށެއްގައި މީހުން ދިރިއުޅޭނަމަ، ނަމާދުކުރާނެ ފުރިހަމަ މިސްކިތެއް ޤާއިމްކޮށްދެއްވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފެހެންދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި އެންމެ އާބާދީ ކުޑަ ރަށްރަށުގައި ވެސް ނަމާދު ކުރެވޭނެ ފުރިހަމަ އިންތިޒާމެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ފެހެންދޫއަކީ އާބާދީ ކުޑަ ރަށަކަށްވުމުން ކުދިން ކިޔަވަން ސްކޫލަށް ގެންދަންޖެހެނީ ދަތުރުކޮށް ގޮއިދޫއަށްކަން ފާހަގަކުރައްވައި ފައިސަލް ވަނީ އެ ރަށުގެ ބެލެނިވެރިން ކުރައްވަމުން ގެންދަވާ މަސައްކަތަށް ތައުރީފް ކުރައްވައިފައެވެ.
އަދި އިއްތިހާދުގެ ސަރުކާރެއްގައި ދަރިން ސްކޫލަށް ފޮނުވުމަށް ކުރަންޖެހޭ ދަތުރުުތައް ސަލާމަތްކަމާއި ރައްކައުތެރިކަމާއިއެކު ކުރެވޭނެ އިންތިޒާމެއް ވެސް ޤާއިމްކޮށްދެއްވާނެ ކަމަށް ފައިސަލް ވައުދުވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން ފެހެންދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ގޮތުން އެ ރަށުގއި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމަކީ ވެސް އިއްތިހާދުގެ ސަރުކާރެއްގައި އެންމެ އިސްކަންދޭނެ އެއްކަންތައް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.