މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ "ސިނަމާލެ ބްރިޖް" އަކީ ދިވެހިންގެ އުއްމީދުތަކާއި ގުޅިފައިވާ ބްރިޖެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާ ސަރުކާރުގެ މަންދޫބު އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ވަންގ ޝިއާއޮތާއޮ އާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް ޝީޖިންގޕިންގ އަށް ހެޔޮއެދުންތައް ރައްދުކުރައްވައި ޗައިނާގެ ވަފުދަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މިރޭ ހުޅުވުމަށް ހަމަޖެހިފައިވާ ސިނަ މާލެ ބްރިޖަކީ ދިވެހިންގެ އުއްމީދުތަކާއި، ގުޅިފައިވާ ބްރިޖެއްކަން ފާހަގަކުރައްވާ އެއުއްމީދު ޙަޤީގަތަކަށް ހެދުމުގައި ޗައިނާއިން އަދާކޮށްފައިވާ މުހިންމު ދައުރަށްޓަކައި ޗައިނާގެ ރައީސަށާއި، އެޤައުމުގެ ރައްޔިތުންނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ޗައިނާއާއި ރާއްޖެއާއި، ދެޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. ޗައިނާ ފަދަ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިޤްތިސާދީ ބާރާއި ރާއްޖެ ފަދަ ކުޑަ ޤައުމަކާއި ދެމެދުގައި އިޙްތިރާމްގެ މައްޗަށް ބިނާވެފައި މިއޮތް ގުޅުމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި މިގުޅުމަކީ ދެޤައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ހުރި ގުޅުމެއްކަން ފާހަގަކުރައްވައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ވަންގ ޝިއާއޮތާއޮ ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ރައީސް ޝީޖިންގޕިންގގެ ހެޔޮއެދުންތައް ރައީސް ޔާމީނަށް އަރިސްކުރެއްވިއެވެ. އަދި މިރޭ ހުޅުވޭ ބްރިޖަކީ ޗައިނާގެ ރައީސަށް ވަރަށް ޚާއްޞަ މަޝްރޫޢެއް ކަމުގައި ވެސް ވިދާޅުވިއެވެ. ވުމާއެކު ބްރިޖް ހުޅުވޭ ރަސްމިއްޔާތުގައި މިރޭ ބައިވެރިވެވަޑައިގަތުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމުގައި ވަންގ ޝިއާއޮތާއޮ ވިދާޅުވިއެވެ. ހަތަރު އަހަރުތެރޭ ބިނާކުރެވުނު މިބްރިޖަކީ ދިވެހިން އެތައް ދުވަހެއް ކުރިއްސުރެ އެދި އެދި ތިބި ކަމެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ކުރިއަށް އޮތް ތާނގައި ވެސް އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަކުރައްވައި ޗައިނާއިން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޔާމީނަށް ދެއްވިއެވެ. އަދި ވަންގ ޝިއާއޮތާއޮ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައިސަލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.