އައްޑޫ ސިޓީގެ ހިތަދޫގެ އާރިކިޅި ހުރަސްކުރެވޭނެހެން ބްރިޖެއް އެޅުމަށް ނިންމައި، އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި ބިޑް ވިއްކުން އޮންނާނީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ކަމަށާއި، ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ކައުންސިލުން ބުނީ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވާ ހޯމަ ދުވަހުގެ 11:00ގައި އެ ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.
މީގެ އިތުރުން، ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އެ މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، އަންނަ މަހުގެ 9 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށެވެ.