Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

މިނިވަން އިންތިޚާބެއް ބޭއްވޭނެ މާހައުލެއް އެބައޮތް – އެޗްއާރްސީއެމް

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާޙައުލެއް މިވަގުތު އެބައޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤައުމެއްގެ ދިމިޤްރާތީ ޙަޔާތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ އެންމެ މުހިންމު ޙައްޤަކީ، ދައުލަތް ހިންގުމަށް ވެރިޔަކު އިންތިޚާބުކުރުމަށް ސީދާކޮށް ބައިވެރިވެ، މިނިވަންކަމާ ހަމަހަމަކަމާއެކު ނުފޫޒުން އެއްކިބާވެ ވޯޓުލުމުގެ ޙައްޤު ހުރިހާ ރައްޔިތުންނަށް ކަށަވަރުވުން ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޙައްޤު ޒިންމާދާރުކަމާއެކު އަދާކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް އޮތްތޯ ކަށަވަރުކުރުމުގެ ގޮތުން، އެ ކޮމިޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، އެގޮތުން އިންތިޚާބު އޮބްޒާވްކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރާއިރު، އިންތިޚާބުގެ ކުރިން ހިނގާ ކަންތައްތައް ދެނެގަތުމާއި، ވޯޓުލާ ދުވަހު އިންތިޚާބު އޮބްޒާވްކުރުމާ އަދި އިންތިޚާބުގެ ފަހުން ހިނގާ ކަންކަން ބެލުމަށް ރޭވިފައިވާ ކަމަށެވެ.

އެގޮތުން، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި، ޤަވާއިދުތަކާ އަދި އުސޫލުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާ ކުރުމުގެ މަސައްކަތްތަކާއި، އިންތިޚާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމުގެ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކާއި މީޑީއާގެ އެކި ވަސީލަތްތައް މޮނިޓަރކުރުމާއި، ކަމާގުޅުން ހުރި އިދާރާތްތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމާއި، އިންތިޚާބާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކާ އަދި ކޮމިޝަނަށް ފާހަގަވި ކަންކަމާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް އެކަންކަން ހައްލު ކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެ ކޮމިޝަނުގެ ޓީމްތަކުން ޒިޔާރަތްކޮށް އެ ރަށްރަށުގައި އިންތިޚާބު ބޭއްވޭނެ މާހައުލެއް ޤާއިމުވެފައިވޭތޯ ދެނެގަނެވިފައިވާ ކަމަށާއި މީގެއިތުރުންވެސް، ވޯޓުލުމުގެ ޙައްޤާއި އިންތިޚާބާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެޗްއާރްސީއެމް އިން މިހާތަނަށް ކުރެވުނު މަސައްކަތުގެ އަލީގައި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާޙައުލެއް މިވަގުތު ޤާއިމުވެފައިވާ ކަމަށް އެ ކޮމިޝަނަށް ޤަބޫލުކުރެވޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މި މާޙައުލު މިގޮތަށް ދެމެހެއްޓުމަށް ކަމާބެހޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާ އަދި އަމިއްލަ ފަރުދުން މަސައްކަތް ކުރުމަށާއި، ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި، ފިތުނަފަސާދަ އުފެދޭނެ ގޮތަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ސިޔާސީ ޕާޓީތަކަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.