ނޫސްވެރިންނަކީ ރައްޔިތުންނަށް ޚަބަރާއި މަޢުލާތު ފޯރުކޮށް ދޭން ހަރަކާތްތެރިވާ ބަޔަކަށްވާ އިރު ފުލުހުން އަބަދުވެސް ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ މުހިންމު ކަމެއް ކަމަށާއި ފުލުހުން އެފަދަ ބަޔަކަށް ވާން ޖެހޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވެެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ފުލުހުން ކުރިއަށް ގެންދަވާ "ތާޒްޑޭ ފޯރަމްގައި" ރޭ ވާހަކަ ދައްކަވަމުންނެވެ. ޝަހީބް ވިދާޅުވީ މިނިވަން ނޫސްވެރި ކަމަށް އެޅޭ ކޮންމެ ހުރަހަކީ ޑިމޮކްރަސީ އަށް އެޅޭ ހުރަހެއް ކަމަށެވެ.
ޝަހީބު ވިދާޅުވީ މިނިވަން ނޫސްވެރިކަމަށް އެޅޭ ކޮންމެ ހުރަހަކީ ޑިމޮކްރަސީ އަށް ވެސް އެޅޭ ހުރަހެއްކަން ބައިނަލް އަޤްވާމީ މުޖުތަމުގައި ވެސް ޤަބޫލުކުރާ ކަމެއް ކަމަށެވެ. އަދި ފުލުހުންނާއި ސަރުކާރުގެ މުއައްސަސާތަކުން ނޫސްވެރިންނަށް އެއްވެސް ސިފައެއްގައި ހުރަހެއް ކުރިމަތިކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް މީޑިއާ އަށް މަޢުލޫމާތު ހާމަ ކުރުމުގައި ފުލުހުން އަބަދުވެސް ޕްރޮފެޝަނަލިޒަމް ހިފަހައްޓަން ޖެހޭ ކަމަށް ފާހަގަ ކުރައްވަމުން ޝަހީބު ވިދާޅުވީ ތަހުޤީޤަށް ހޯދާ މަޢުލޫމާތުތައް އާއްމު ކުރުމުގައި ފަރުދުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
ހަމަ މިއާ އެކު ފުލުހުންގެ ސަބަބުން ފަރުދުންގެ ޒާތީ ދިރިއުޅުމަށް އަރައިގަތުމަށް މީޑިއާ އަށް ފުރުސަތު ތަނަވަސްކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ނޫސްވެރިންގެ ސަބަބުން ފުލުހުންގެ މަސައްކަތްތަކަށް ވެސް ފަސޭހަތަކެއް ލިބިގެންދާ ކަމަށް ވިދާޅުވެ ބައެއް މިސާލުތައް ދައްކަވާފައި ވެ އެވެ.
ޝަހީބު ވިދާޅުވީ ޖިނާއި އެކިއެކި މައްސަލަތަކާ ގުޅިގެން މީޑިއާތަކުން މަޢުލޫމާތު ހާމަ ކުރުމުގެ ސަބަބުން ފުލުހުންގެ ތަހުޤީޤްތަކަށް ވެސް މަޢުލޫމާތުތަކެއް ލިބޭ ކަމަށާއި އެކަމުގެ ސަބަބުން ތަހުޤީޤަށް ކުރިއެެރުންތައް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން މީޑިއާތަކުން ފޮޓޯ އާއި ވީޑިއޯތައް ވެސް ފުލުހުންގެ ތަހުޤީޤަށް ބޭނުން ކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.