Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ސިޔާސީ ނަޒަރަކުން ފުލުހުންނާ މެދު ނުބެލުމަށް އެދިއްޖެ

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން - ފޮޓޯ: މުހައްމަދު ޝަރުހާން (ރާއްޖެއެމްވީ)

ސިޔާސީ ނަޒަރަކުން ފުލުހުންނާ މެދު ނުބެލުމަށް މޯލްޑިވްސް ޕޮލިސް ސާޥިސް (އެމްޕީއެސް) އިން އެދިއްޖެ އެވެ.

މާލޭ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް ހުށަހަޅާ ހުރިހާ މައްސަލައެއް ވެސް ބަލާ ކަމަށާއި ތަހުޤީޤުގައި ސުވާލު ކުރަންޖެހޭ ހުރިހާ އެންމެންނާ ވެސް ސުވާލު ކުރާނެ ކަމަށެވެ.

އަދި ފުލުހުން ކުރާ މަސައްކަތްތަކަކީ އެންމެންގެ މަސްލަހަތު ވެސް އޭގައި ހިމެނޭ ގޮތަށް، ހުރިހާ އެންމެންނަށް ވެސް ހަމަހަމައަށް އިންސާފް ހޯދަދިނުމަށްޓަކައި ކުރާ މަސައްކަތެއްކަން ޤަބޫލުކުރެއްވުމަށް ރައްޔިތުންގެ ކިބައިން ޝިފާން ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން، ޝިފާން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ޝިފާން މިއަދު މިމޭރުމުން ވާހަކަދެއްކެވިއިރު، އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަރަކާތްތަކަށް ފުލުހުން ހުރަސް އަޅަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ފުލުހުންގެ މުއައްސަސާއަށް ވަނީ އަމާޒުވެފަ އެވެ.