ފަސް މިނިޓުގެ އުފަލަކަށް ރައްޔިތުންގެ ޖީބުން މިލިއަން ޑޮލަރު އަންދާލުމަކީ ބޮޑު އިސްރާފެއް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ހިތާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެގޮތުން ފައިސަލް ވިދާޅުވީ ޤައުމަށް ވަނީ ދުވަހަކުވެސް ނުފެންނަ ވަރުގެ އަނދިރި ދުވަސްތަކެއް ކުރިމަތިވެފައި ކަމަށާއި ރައްޔިތުން ބަދަލަކަށް އެދެނީ ޙައްޤު ނޫން އަނިޔާތަކެއް އެތައް އާއިލާއަކަށް ލިބެމުންދާތީ ކަމަށެވެ.
ފައިސަލް ވަނީ އިއްތިހާދުގެ ވެރިކަމެއްގައި ހިތާދޫއަށް ސާފުބޯފެން ފޯރުކޮށްދީ، ނަރުދަމާގެ ނިޒާމް ޤާއިމުކޮށްދީ، ބަނދަރުގެ ދަތިކަން ހައްލުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
އަދި ކޮންމެ ރަށެއްގެ ވެސް ސިއްޙީ ދާއިރާ ވަނީ ވަޅުޖަހާފައި ކަމަށާއި ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
މިރޭ ހުޅުވުމަށް ހަމަޖެހިފައިވާ ސިނަމާލެ ބްރިޖަށް އިޝާރާތްކުރައްވައި ފައިސަލް ވިދާޅުވީ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސް މިނިޓަށްޓަކައި މިލިއަނެއްހާ ޑޮލަރު އަންދާލާއިރު އެފައިސާ ހިތާދޫއަށް ހޭދަކުރިޔަސް ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދެވޭނެ ކަމަށެވެ.
ފައިސަލް ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގައި ހިނގާފައިވާ އަނިޔާވެރިކަމުގެ އަމަލުތަކާ މެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަަމަށާއި މިސަރުކާރަށް އިތުރު އެއްވެސް ފުރުސަތެއް ދީފިނަމަ ޤައުމު ބީވެގެން ހިނގައިދާނެ ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ، އިއްތިހާދުގެ ވެރިކަމެއްގައި ދިވެހި ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދޭނީ ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް ކަމަށެވެ.
"ވަކި ދިމާލަކަށް ގެންގޮސް ތޮއްޖައްސައިގެން މަޖުބޫރުކުރުވައިގެން ނޫޅޭނަން. ހިތްގައިމު ރަށްތަކުގައި ދިރިއުޅެން ބޭނުންވާ ރައްޔިތުންނަށް އެފުރުސަތު އޮންނާނެ"، ފައިސަލް ވިދާޅުވިއެވެ.