Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ކޮލަމާފުށިން ހައްޔަރު ކުރިމީހުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ހައްޔަރުކުރި މީހަކު ފުލުހުންގެ ސައިކަލެއްގައި ގެންދަނީ - ފޮޓޯ: ސޯޝަލް މީޑިއާ

ގއ. ކޮލަމާފުށީ ޕީޕީއެމް ޖަގަހައަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ކޮލަމާފުށިން ހައްޔަރުކޮށްފައިވާ މީހުންގެ ޤާނޫނީ ވަކީލް މަހްފޫޒް ސައީދު އާއި ހަވާލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި އެމީހުން މިވަގުތު ތިބީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައެވެ. އަދި މިރޭ އެމީހުންނަށް މުއްދަތު ޖެހުމަށް ވިލިނގިލީ ކޯޓަށް ހާޒިރުކުރާނެ ކަމަށްވެސް މަހްފޫޒް ވިދާޅުވިއެވެ.

ކޮލަމާފުށިން މީހުން ހައްޔަރުކުރުމަށް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ.

ޕީޕީއެމް އާއި އެމްޑީޕީ ސަޕޯޓަރުންގެ ދެމެދުގައި ޖެހުނު މައްސަލަ އަކާއި ގުޅިގެން ކޮލަމާފުށީ ޕީޕީއެމްގެ ޖަގަހައިގައި ހުރި މޮނިއުމެންޓެއް ހަލާކުކޮށް، ދިދަފަތިތައް ބުރިކޮށް، ގާތްގަނޑަކަށް 40 ހޮޅި ދަނޑި ނައްޓާލާފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި ޖަގަހައަށް ގެއްލުން ދިން މައްސަލަ ޕޮލިހަށް ހުށަހަޅާފައިވަނީ ޕީޕީއެމްއިންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުގައި ޕީޕީއެމްގެ ސަޕޯޓަރުން އެމްޑީޕީން ދަމާފައިވާ ދިދަތައް ހަލާކުރާ މަންޒަރު ފެނެއެވެ. އަދި އެހެން ވީޑިއޯއެއްގައި އެމްޑީޕީގެ ސަޕޯޓަރުން ޕީޕީއެމްގެ ދިދަތައް ގެއްލުންދޭ މަންޒަރުވެސް ފެނެއެވެ.

އެ ހަމަނުޖެހުމާއި ގުޅިގެން، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް މި ދަނޑިވަޅުގައި ގއ. ކޮލަމާފުއްޓަށް ދަތުރުނުކުރައްވާ މަޑުކޮށްލެއްވުމަށް ފުލުހުން ވަނީ އެ މަނިކުފާނު އަރިހުން އެދިވަޑައިގެންފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހު އަރިހުން އެގޮތަށް އެދިވަޑައިގެންނެވީ މި ވަގުތު ސަލާމަތީ ކަންކަން އެކަމަށް ތަން ނުދޭތީ ކަމަށެވެ.

އެހެންނަމަވެސް އިބޫ މާދަމާ ގދ. އާއި ގއ. އަށް ކުރައްވާ ދަތުރުފުޅަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށާއި، އަދި ވަޑައިގަންނަވާ ރަށްރަށުގެ ތަރުތީބަށްވެސް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ ވަނީ ވިދާޅުވެފަ އެވެ.