މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުގައި ދަތުރުކުރާ ބަސްތަކާއި ޓެކްސީތައް ގިމަތަ ބޭނުންކުރާނެ ގޮތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާއްމުކޮށްފިއެވެ.
އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެ އާއި ހުޅުމާލެ އާއި ދޭތެރޭ ދަތުރުކުރުމަށް ޚާއްސަކޮށްފައިވާ ބަސް މަޑުކުރުމަށް ކަނޑައެޅިފައިވަނީ ބަސް ގިމަތައިގެ ދެކުނު ފަރާތުން ބަސް ހުއްޓުމަށް ކަނޑައަޅާފައިވާ ބަސް ހުއްޓި ކައިރިއަށް ކަމަށެވެ.

އަދި ހުޅުމާލެ އާއި މާލެއާ ދޭތެރޭ ދަތުރުކުރުމަށް ކަނޑައަޅާފައިވާ ބަސް ހުޅުމާލެ އިން ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ބަސް ގިމަތައިގެ އުތުރު ފަރާތުން ބަސް ދަތުރު ފެށުމަށް ޚާއްސަކޮށްފައިވާ ބަސް ހުއްޓިން ކަމަށާއި، ހުޅުމާލެ ތެރޭގައި ދަތުރުކުރާ ބަސްތައް ބޭނުންކުރުމަށް ކަނޑައެޅިފައިވާ ނިރޮޅުމަގުގައި ގާއިމުކޮށްފައިވާ ބަސް ހުއްޓިން ކަމަށާއި އަދި ބަސްތައް ދަތުރުކުރަން ވާނީ ނިރޮޅުމަގުގެ ދެވަނަ ލޭނުން ކަމަށް އެޗްޑީސީގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން ބަސް ގިމަތަ ބޭނުންކުރާ ޓެކްސީތައް ދަތުރުކުރަން ވާނީ ބަސް ގިމަތައިގެ އިރުމަތީ ފަރާތުން ޓެކްސީ އަށް ހާއްސަ ކުރެވިފައިވާ ލޭނުން ކަމަށާއި އަދި މަޑުކުރަން ވާނީ ބަސް ގިމަތައިގެ އިރުމަތީ ފަރާތުގައި ޓެކްސީ ހުއްޓުމަށް ކަނޑައެޅިފައިވާ ޓެކްސީ ހުއްޓި އަށް ކަމަށް އެޗްޑީސީން ބުނެއެވެ.


އަދި ހަމަ އެހެންމެ ބަސް ގިމަތަ ބޭނުންކުރާ އެހެން އުޅަނދުތައް ދަތުރުކުރަން ވާނީ ބަސް ގިމަތައިގެ ހުޅަނގު ފަރާތުން ދަތުރުކުރުމަށް ހާއްސަ ކުރެވިފައިވާ ލޭނުން ކަމަށާއި، އުޅަނދުތައް މަޑުކުރަން ވާނީ ގިމަތައިގެ އިރުމަތީ ފަރާތުގައި ކަނޑައެޅިފައިވާ ޓެކްސީ ހުއްޓިއަށް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ސިނަމާލެ ބްރިޖު އާއްމުންނަށް ހުޅުވާލާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ.