ކޮންމެ ގޮތަކަށް ޙާލަތު ބަދަލުވެގެންދިޔަނަަމަވެސް ޗައިނާ އަބަދުވެސް އޮންނާނީ ދިވެހިރާއްޖޭގެ ގާތް ބައިވެރިއެއްގެ ގޮތުގައި ކަމަށް ޗައިނާ ސަރުކާރުގެ މަންދޫބު އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ވަންގ ޝިއާއޮތާއޮ ވިދާޅުވެއްޖެ އެވެ.
ޝިއާއޮތާއޮ މިހެން ވިދާޅުވީ ސިނަމާލެ ބްރިޖު ހުޅުވުމަށްޓަކައި މިހާރު އާޓިފިޝަލް ބީޗްގައި ކުރިއަށްގެންދާ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ޝިއާއޮތާއޮ ވިދާޅުވީ ޗައިނާއިން އަބަދުވެސް ރާއްޖެއާއި މެދު ބަހައްޓަމުންދަނީ ވަރަށް ގާތް ގުޅުމެއްކަމަށާއި، އަދި މިގޮތުގައި ޗައިނާ އަބަދުވެސް ދެމި އޮންނާނެކަމަށެވެ. އޭނާ ސިނަމާލެ ބްރިޖު ސިފަކުރައްވާފައިވަނީ ދެޤައުމުގެ ގުޅުން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ރަމްޒެއްގެ ގޮތުގައެވެ.
މީގެ އިތުރުން ޗައިނާއިން ރާއްޖޭގައި ކުރިޔަށްގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ޝިއާއޮތާއޮ ވިދާޅުވީ މީގެ ސަބަބުން ދެޤައުމުގެ ގުޅުމުގެ އާ ބާބެއް ހުޅުވިގެން ހިނގައްޖެކަމަށެވެ.
އޭނާގެ ވާހަކަފުޅުގައި އިތުރަށް ސިނަމާލެ ބްރިޖު މަޝްރޫޢު ޙަޤީގަތަކަށް ވެގެން މިދިޔައީ ދެޤައުމުގެ ވެރިން މިކަމުގައި ގެންގުޅުއްވި ޙިކުމަތްތެރި ވިސްނުމުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ.