Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ބްރިޖަކީ ޒަމާނީ ތަރައްޤީއަށް ރާއްޖެކުރާ ދަތުރުގެ މުހިންމު ކާމިޔާބީއެއް: ރައީސް

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

ސިނަމާލެ ބްރިޖަކީ ޒަމާނީ ތަރައްޤީއަށް ރާއްޖެކުރާ ދަތުރުގައި މުހިންމު ކާމިޔާބީއެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ބްރިޖު ހުޅުވުމަށްޓަކައި މިހާރު އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ މިއަދު ދިވެހިން މި އިފްތިޙާލު ކުރަނީ ތަރައްޤީއާ ތަމައްދުނުގެ ރަން ޒަމާނެއް ކަމަށެވެ.

މީގެ 21 އަހަރުކުރިން ހުޅުމާލެ ތަރައްޤީ ކުރި ހިސާބުން ފެށިގެން ކަނޑު ހުރަސްކޮށް ކޮންމެ ދުވަހަކު އެތައް ދިވެހިންތަކެއް ކުރަމުންދިޔައީ އުނދަގޫ ދަތުރުތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަޤުޞަދަކަށް ވީ އެކަން ފަސޭހަކޮށް، އެކަމަށް ހައްލެއް ގެނައުން ކަމަށެވެ.

ހުޅުމާލެ ހިއްކަން ފެށިއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ހުޅުމާލެ އާއި މާލެއާ ދޭތެރޭގައި ދަތުރު ފަތުރު ކުރުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ދެ އަވަށް ދޭތެރޭގައި ބްރިޖެއް އަޅަން ޖެހޭކަން ވިސްނިވަޑައިގަތް ކަމަށާއި ނަމަވެސް ދިވެހި ދަޢުލަތުގެ މާލިއްޔާގައި އެވަރުގެ ތަނަވަސް ކަމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ސިނަމާލެ ބްރިޖު ބިނާކޮށް ހުޅުވުމަށް ކުރި މަސައްކަތުގައި ޗައިނާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސިނަމާލެ ބްރިޖަކީ ދިވެހިންނަށްވެސް ބޮޑު ޤައުމަކާ އެކު ކަންކަން ކުރެވިދާނެ ކަމުގެ މިސާލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖު ހުޅުވިގެންދިޔުމާއެކު މާލެއާއި ހުޅުލެއާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. މިރޭ ބްރިޖު ހުޅުވިނަމަވެސް، އާންމު ދަތުރުތަކަށް ބްރިޖު ހުޅުވައިލާނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.