Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ކުރިން ނުވެ ހުރި ވައްކަން ގަޟާއަށްވެސް އެބަކުރޭ: ހަސަން ލަތީފް

ހަސަން ލަތީފް

މި ސަރުކާރަށް ކުރިން ނުވެ ހުރި ވައްކަން، ގަޟާއަށްވެސް ކުރަމުންދާކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރ އަތޮޅު ދުވާފަރުގައި ވާހަކަ ދައްކަވަމުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްްޤައްޔޫމް، "އެޑްވާންސަށް ވައްކަންކުރިޔަސް ވަރިހަމަތާ"އޭ ވިދާޅުވުމުން، އެއަށް ރައްދު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ މިސަރުކާރުން ވައްކަން ކުރަނީ އެޑްވާންސަށް އެކަނި ނޫންކަމަށާއި، މީގެ ކުރިން ނުވެ ހުރި ވައްކަންވެސް މިހާރު ކުރަމުންދާކަމަށެވެ. އަދި ދުވާފަރު ރައްޔިތުންވެސް ވައްކަން ކޮށްގެން ގެންނަ ތަރައްޤީ ބޭނުން ނުވާނެކަމަށް ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

ދުވާފަރުގައި ވާހަކަ ދައްކަވަމުން އެޑްވާންސަށް ވައްކަން ކުރުުމަކީ މައްސަލައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އެޑްވާންސަށްވެސް ވައްކަންތަކެއް ކޮށްފައިވާކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ސްރީލަންކާގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވިދާޅުވުމާއި ގުޅިގެން، އެއަށް ރައްދު ދެއްވަމުންނެވެ.

'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ވައްކަންތައް 3 ބަޔަކަށް ބެހިފައިވާކަމަށް ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ހަސަން ލަތީފް ވަނީ އެ ތިން ބަޔަކީ ކޮބައިކަން ވެސް ހާމަކޮށްދެއްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ބަޔަކީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ މައްސަލައާއި، އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ އިމާރާތުގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތައް ކަމަށާއި، ދެވަނަ ބަޔަކީ އދ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޤައުމުތަކަށް ވަގަށް ތެޔޮ ވިއްކުމާއި އެވިއްކައިގެން ލިބުނު ފައިސާކަމަށް ހަސަން ވިދާޅުވިއެވެ. އަދި 3 ވަނަ ބަޔަކީ ކަޅު ފައިސާ ދޮވެގެން ހިންގާ ވައްކަމުގެ އަމަލުތައްކަމަށް ހަސަން ވިދާޅުވިއެވެ.

އަދި މީގެ އިތުރުންވެސް އަރިއަރިމަތިން ކޮށްފައި ހުރި އިތުރު ވައްކަންތަކުގެ މައްސަލަަތައްވެސް ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފްވަނީ އެ ޕްރޮގްރާމްގައި ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރުން ގިނަ ވައްކަންތަކެއް ކޮށްފައިވާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

އެގޮތުން ރައީސް ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންފި ނަމަ ފުރަތަމަ ވެސް ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި އެ މައްސަލަތައް ބެއްލެވުމަށް ވަނީ ހަމަޖެހިފައި ކަމަށް އިދިކޮޅު އިއްތިހާދުން ބުނެއެވެ.