Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ކޯލިޝަން ވެރިކަމެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެ: ލަތީފް

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރަށުގެ ކައުންސިލްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބ. އަތޮޅު ދަރަވަންދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ކޮންމެ ރަށެއްގެ ކަނޑުން ހޭލާ ހިސާބުން، ހޭފަށުން އެތެރޭގައިވާ ގުދުރަތީ ވަސީލަތްތައް އެ ރަށަކަށް ލިބޭނެ ކަމަށާއި އެ ސަރުކާރުގައި އިރާދަ ކުރެއްވިއްޔާ، ކައުންސިލްތަކަކީ ބާރުވެރި އުފެއްދުންތެރި ކައުންސިލްތަކަކަށް ހެދިގެންދާނެ ކަމަށެވެ. ހަމަ އެއާއެކީގައި އޭގެ އިތުރުން މިހާރު ސަރުކާރުގެ މިނިސްޓްރީތަކާއި އަދި ދައުލަތުގެ އެކިއެކި އޮފީސްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކައުންސިލްތަކަށް ބަދަލު ކުރާނެ މަސައްކަތްތައް އެ ބޭފުޅުން އިރާދަ ކުރެއްވިއްޔާ ކަނޑައަޅުއްވާ އެ މަސައްކަތްތައް ކައުންސިލްތަކަށް ބަދަލު ކުރީމާ ކައުންސިލްތަކުން ރައްޔިތުންނަށް ގާތުން ޚިދުމަތް ދެވެން ފެށީމާ ރައްޔިތުންނަށް ދަތުރު ފަތުރުކުރުމާއި އެކަންކަމުގެ ތެރެއިން އެ އުފުލަން ޖެހޭ ތަކްލީފަށް އުފުލާކަށް ނުޖެހޭނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ކައުންސިލްތައް ވެގެންދާނީ ރަށުގެ މަލަމައްޗަށް ކަމަށާއި ގެސްޓް ހައުސް ހިންގުމަށް ކައުންސިލްތަކަށް އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި އެ ރަށެއް ޕްރޮމޯޓުކޮށް ގެސްޓުން ގެނެސްގެން ރަށުގެ އާމްދަނީ އިތުރު ކުރުމުގެ ފުރިހަމަ ބާރު ކައުންސިލްތަކަށް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ހަސަން ލަތީފް ވަނީ ދެއްވާފައެވެ.

ޖަޒީރާ ރާއްޖޭގައި ޒުވާނުންނަށް އަމާޒުކޮށްގެން ފުޓުބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް އަސްލު ފުޓްބޯޅަ ކުޅޭ ދަނޑު އަޅައިދޭނެ ކަމުގެ ޔަގީންކަން ވެސް ހަސަން ލަތީފް ވަނީ ދެއްވާފައެވެ. ފުޓްބޯޅައިގެ ކުޅުން ހަލާކުވާ މައިގަނޑު ސަބަބަކީ ފުޓްސެލް ކަމަށާއި އެހެންކަމުން ކޮންމެ ރަށެއްގައި ފުޓްބޯޅަ ދަނޑެއް އަޅައިދޭއިރު ކޮންމެ އަތޮޅެއްގައި ފުޓްބޯޅަ ސްޓޭޑިއަމްއެއް ހެދިގެންދާނެ ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި އެ ނޫން ވެސް ގިނަ ކުޅިވަރުގެ ވަސީލަތްތައް ގާއިމު ކުރެވޭނެ ކަމުގެ ޔަގީންކަން ހަސަން ލަތީފް ވަނީ ދެއްވާފައެވެ.