Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އިބޫ ހުވަދު އަތޮޅަށް ވަޑައިގެންފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވަދު އަތޮޅަށް ވަޑައިގެންފިއެވެ.

އިބޫ ހުވަދު އަތޮޅަށް ވަޑައިގެންފައި މި ވަނީ، އެ އަތޮޅު ކޮލަމާފުށީގައި ވެރިކަން ކުރާ ޕީޕީއެމްގެ ސަޕޯޓަރުންނާއި، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އެ ރަށުގެ 18 އެމްޑީޕީގެ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ އެންމެންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ކޮލަމާފުށީގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ވަނީ މި ވަގުތު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅު ފަސް ކުރުމަށް އިބޫ ގާތު އެދިފައެވެ. އެހެން ނަމަވެސް އޭނާ ދަތުރު ފަސް ނުކުރައްވާނެ ކަމަށާއި، މާދަމާ ކޮލަމާފުށްޓަށް ވަޑައިގަންނަވާނެ ކަމަށް، އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

އިބޫ ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ މި ދަތުރުގައި ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް އޭނާ ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި މި ދަތުރުގެ ތެރެއިން މިރޭ ގދ. ތިނަދޫގައި އެ ކޯލިޝަންގެ ބޮޑު ކެމްޕޭން ޖަލްސާއެއް ބާއްވާނޭ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ކާޑެއްދޫ އެއާޕޯޓަށް މިއަދު ހެނދުނު އިބޫ ވަޑައިގަތުމާއެކު އެ އެއާޕޯޓުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ކާޑެއްދޫ އެއާޕޯޓުން އޭނާ ވަނީ އެ އަތޮޅު ވާދޫއަށް ވަޑައިގެންފައެވެ. ވާދޫއިން ވެސް ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.