Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓު ނިންމައިދޭނަން: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓް ގދ. ފަރެސްމާތޮޑާ ރައްޔިތުންނާއި މުޚާތަބުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އިއްތިހާދުގެ ވެރިކަމެއްގައި ގދ، ފަރެސްމާތޮޑާގެ އެއާޕޯޓު ނިންމައިދޭނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ ގއ. އާއި ގދ. ގެ އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައި ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން ޤައުމެއް ތަރައްޤީވުމަށް އެންމެ ބޮޑަށް ބޭނުންވަނީ ދަތުރުފަތުރުގެ ނިޒާމެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމާ ނުލައި ރާއްޖެ ތަރައްޤީ ނުވާނެ ކަމަށެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގެން، އެ އެއާޕޯޓު ނިންމާފައި ނޫނީ 2018ގެ ރިޔާސީ އިންތިޚާބުގެ ވޯޓު ހޯދަން ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ، އަދިވެސް އެ ވައުދު ފުރިހަމަވެފައި ނުވާ ކަމަށެވެ.

އެ ރަށުގެ އެއާޕޯޓު އަޅަން ބިން ހިއްކަން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށް މިދިޔަ ޖޫން މަހު ވަނީ ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާއި ހަވާލުކޮށްފަ އެވެ. އެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ ބިން ހިއްކުމުގެ މަސައްކަތެވެ.

އިބޫ ވިދާޅުވި ގޮތުގައި، އިދިކޮޅު ވެރިކަމެއްގައި އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސް، ވަރަށް އަވަހަށް އެއާޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

އިބޫ ވަނީ ދައުލަތުގެ ބަޖެޓުން ފޭދިގެންދާ ފައިސާތައް އިދިކޮޅު ވެރިކަމެއްގައި މަދުކޮށް، ކޮރަޕްޝަނާއި ވައްކަމުގެ ދޮރުތަން ބަންދުކޮށް، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ހޯދައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފަރެސްމާތޮޑާ ރައްޔިތުންނާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ އެ ރަށު ސްކޫލް ޒަމާނީ ފެންވަރަކަށް ހަދައި، މަސްވެރިން ބާނާ މަހަށް ވަގުތުން އަގު ލިބޭނެ ގޮތް ފަހިކޮށްދެއްވައި، މަސްވެރިންނަށް ބޭންކް މެދުވެރިކޮށް ލޯނު ލިބޭނެ ގޮތްވެސް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.