Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ތަދުނުވާ ގޮތަށް އޭޑީކޭގައި ވިއްސަން ފަށައިފި

ތަދު ނުވާ ގޮތަށް ވިއްސުން ނުވަތަ ޕެއިންލެސް ލޭބާގެ ޚިދުމަތް، ރާއްޖޭގެ އެންމެ މަޝްހޫރު ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ އޭޑީކޭގައި ރަސްމީކޮށް ދޭން ފަށައިފި އެވެ.

އޭޑީކޭ އިން މި ޚިދުމަތް ތަޢާރަފްކޮށް، ތަދުނުވާ ގޮތަށް ފުރަތަމަ ފަހަރަށް މީހަކު ވިއްސާފައި ވަނީ އިއްޔެ އެވެ.

އެ ޚަބަރު އިއުލާންކޮށް އޭޑީކޭ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިއްޔެއިން ފެށިގެން އެ ޚިދުމަތް އެ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ.

އޭޑީކޭގެ ހޭނައްތާ ޑޮކްޓަރު، ދުސޫމާ އަބްދުއްރައްޒާގު އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި މި ޚިދުމަތަކީ މަންމަ ވިހަން ތައްޔާރުވުމުން ބުރަކައްޓަށް އިންޖެކްޝަނެއް ޖަހައި، ކެތީޓާއެއް ލެއްވުމަށް ފަހު ބޭސް ދީގެން ތަދުނުވާ ގޮތަށް، ވިހެއުމުގެ ވޭންވަރު އަޔަސް، އެއްވެސް ތަދެއް ނެތި މަންމައަށް ވިހެވޭނެ ގޮތަށް ކުރިއަށްގެންދާ ޕްރޮސީޖާއެއް ކަމަށެވެ.

ޑރ. ދުސޫމާ ވިދާޅުވީ ޕެއިންލެސް ލޭބާގައި އެއްވެސް ތަދެއް ނެތް ނަމަވެސް ދަރިފުޅު ވިހާނެހާ ބާރު މަންމަގެ ހުންނާނެ ކަމަށާއި، މި ޕްރޮސީޖާއަކުން ދަރިފުޅަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

އަދި ވިހެއުމާ ހަމައަށް، ދަރިފުޅުގެ ހިތުގެ ތެޅުމާއި ހުރިހާ ކަމެއް ޑޮކްޓަރުން މޮނީޓާ ކުރާނެ ކަމަށާއި އޮޕަރޭޝަން ނުކޮށް ވިއްސޭތޯ ޑޮކްޓަރުން މަސައްކަތް ކުރާނެ ކަމަށްވެސް ޑރ. ދުސޫމާ ވިދާޅުވި އެވެ.

އޭޑީކޭ އިން ވަނީ ދާދިފަހުން ހިތުގެ މުހިންމު ދެ އޮޕަރޭޝަން ކަމަށްވާ ބައިޕާސް އާއި އޯޕަން ހާޓް ސާޖަރީގެ ޚިދުމަތް ވެސް ދޭން ފަށާފައެވެ.