Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ސިނަމާލެ ބްރިޖް މަތީގައި ފަސް ކައިވެންޏެއް ކޮށްފި

ބްރިޖް މަތީގައި ކުރިއަށްދާ ކައިވެނީގެ ހަފްލާތަކުގެ ތެރެއިން - ފޮޓޯ: އިބްރާހީމް ޝާބިލް (ވަގުތު)

ރޭ ހުޅުވި ސިނަމާލެ ބްރިޖު މަތީގައި ފަސް ކައިވެންޏެއް ކޮށްފިއެވެ.

މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށްގެންދާ މި ކައިވެނީގެ ހަފްލާތަކުގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

މި ކައިވެނީގެ ހަފްލާތަކުގެ ޑެކަރޭޝަން އާއި ކެއުމުގެ ޚަރަދު ވެސް ހަޖަމައްސަވައިދެއްވީ ސަރުކާރުންނެވެ. މި ހަފްލާތަކުގެ ފޮޓޯ ނެގުންފަދަ ޙަރަކާތްތައް ރޭގަނޑު 21:00 އަކާ ހަމަޔަށް އޮންނާނެ ކަމަށް މީގެ ކުރިން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ބްރިޖު މަތީގައި ކައިވެނި ކުރުމަށް އެދި ހުށަހަޅާ ފޯމް ދޫކުރުން މި މަހުގެ 13 ވަނަ ދުވަހަށް ހަމަވިއިރު، އެ މުއްދަތުގެ ތެރޭގައި 250 އަށް ވުރެ ގިނަ މީހުން ފޯމު ގެންގޮސްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ހަވާ އެރުވުމާއެކު ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ތިން އަވަށް ގުޅުވާލި ތާރީޚީ ސިނަމާލެ ބްރިޖު ހުޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި ޗައިނާގެ މަންދޫބު ވަންގ ޝިއާއޮތާއޮ އެވެ.

ސިނަމާލެ ބްރިޖްގެ މަޝްރޫއަށް 220 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވިއިރު ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. ބްރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ހިމެނެއެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ހެދި މި ބްރިޖަށް އެ ޤައުމުން ވަނީ 116 މިލިއަން ޑޮލަރުގެ ދީލަތި އެހީއެއް ފޯރުކޮށްދީފައެވެ. އަދި 72 މިލިއަން ޑޮލަރު ޗައިނާގެ ލޯނު އެހީގެ ގޮތުގައި ނެގިއިރު، މި މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

ރޭ ބްރިޖު ހުޅުވުނު ކަމުގައިވިޔަސް، އާންމު ދަތުރުތަކަށް ބްރިޖު ހުޅުވައިލާނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.