Last Updated: June 24, 00:19
Tuesday, June 23, 2026
ވިޔަފާރި

މޯލްޑިވިއަން އިން އެއާބަސް އޭ 330 ގެ ބޯޓެއް ގެންނަނީ

މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

ރާއްޖޭގެ ޤައުމީ އެއާލައިން، ލްޑިވިއަން އިން އެއާބަސް އޭ 330 މަރުކާގެ ބޯޓެއް އަންނަ ޖެނުއަރީ މަހު ރާއްޖެ ގެންނަން ނިންމައިފި އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި އެ ފްލައިޓުގައި ގިނަވެގެން 335 ފަސިންޖަރުން އުފުލޭނެ އެވެ.

ހާރިސް ވިދާޅުވީ އެ ބޯޓަކީ އަންނަ ފަތުރުވެރިކަމުގެ ސީޒަންގައި ފަތުރުވެރިން އުފުލުން އިތުރުކުރަން ގެންނަ ބޯޓެއް ކަމަށާއި، އެ ބޯޓު ޗައިނާގެ ޗެންޑޫ އަށާއި ސައުތު އެފްރިކާއަށް ވެސް ދަތުރުކުރާނެ ކަމަށެވެ.

މޯލްޑިވިއަން އިން ވަނީ އެ ބޯޓަށް ބޭނުންވާ ކެޕްޓަނުންނާއި ފަސްޓް އޮފިސަރުންނާއި ކެބިން ކްރޫން ހޯދަން އިއުލާންކޮށްފަ އެވެ. އެގޮތުން އެ މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 13ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މިހާރު މޯލްޑިވިއަން ފްލީޓްގައި ޖުމްލަ 23 ކްރާފްޓެއް އެބައޮތެވެ. އޭގެ ތެރެއިން ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގައި މިހާރު ބޭނުންކުރަނީ 200 މީހުންގެ ޖާގައިގެ އޭ 321 މަރުކާގެ އެއް ބޯޓާއި 152 މީހުންގެ ޖާގައިގެ އޭ 320 މަރުކާގެ ބޯޓެކެވެ.