Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ބަނދަރު ނައިފަރުގައި ހުޅުވައިފި

ދިވެހިރާއްޖޭގައި މިހާތަނަށް އެޅި އެންމެ ބޮޑު ބަނދަރު ކަމަށްވާ ޅ. އަތޮޅު ނައިފަރުގެ ބަނދަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހުޅުއްވައިދެއްވައިފި އެވެ.

މިއަދު ހަވީރު ނައިފަރުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސް ހުޅުއްވައިދެއްވި ބަނދަރަކީ 1600 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރެކެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ނައިފަރު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިންމާލީ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ 21.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެމްޓީސީސީން މީގެ ކުރިން ބުނެފައިވާގޮތުގައި، އެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިންމާފައި ވަނީ ބަނދަރުގައި 758 މީޓަރުގެ އެއްގަމު ތޮށްޓާއި، 783 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓެއް ލައިގެންނެވެ. އަދި 3،740 އަކަމީޓަރުގެ ޕޭމަންޓެއް ލާފައިވާ ކަމަށާއި، ބަނދަރަށް އަލިކުރުމަށް 38 ބަނދަރު ލައިޓް ހަރުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅުގެ ރަށްރަށަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި އެއަތޮޅު ހިންނަވަރަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޅ. ކުރެންދޫއަށް ވަޑައިގެން އެރަށު ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެއަތޮޅު އޮޅުވެލިފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.