Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ ރާއްޖެޓީވީގެ މައްސަލައެއް ބްރޯޑްކޮމް އިން ބަލަން ފަށައިފި

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ ރާއްޖެޓީވީގެ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފި އެވެ.

"ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި ރާއްޖެޓީވީއަށް ބްރޯޑްކޮމް އިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ރާއްޖެޓީވީން ވަގުތު ދިނުމަށް ހަމަޖެހިފައިވާގޮތް، "އިންތިޚާބީ ކެނޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާއިބެހޭ އުސޫލް" އާއި އެއްގޮތްވާ ގޮތުގެމަތިން އިއުލާންކޮށްފައިނުވާކަމަށް ބެލެވޭތީ ކޮމިޝަނުން މައްސަލައެއް ބަލަމުންގެންދާކަމަށެވެ.

އަދި އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ބްރޯޑްކޮމްއަށް ހާޒިރުވެ މައްސަލައިގައި ޖަވާބުދާރީވުމަށް އަންގާފައިވާއިރު، މައްސަލާގައި ލިބިފައިވާ ހެއްކާއި ގަރީނާއަށް ބެލުމަށްފަހު މައްސަލަ ނިންމާނެކަމަށްވެސް ސިޓީގައި ރާއްޖެޓީވީއަށް އަންގާފައިވެއެވެ.

ރާއްޖެޓީވީގެ އިތުރު މައްސަލައެއް ބަލަން ފަށާފައިވާއިރު، ބްރޯޑްކޮމް އިން ވަނީ ރާއްޖެ ޓީވީ ގައި ގެނެސްދިން ކޮންޓެންޓެއްގެ ސަބަބުން މި މަހުގެ ތެރޭގައި އެ ސްޓޭޝަން 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.