Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

މި ސަރުކާރުން ކުރަމުންދާ އިސްރާފު ހުއްޓުވާނަން: ފައިސަލް

އިއްތިހާދުގެ ރަނިން މޭޓް ބ. ކަމަދޫ ރައްޔިތުންނާއި މުޚާތަބުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ރައްޔިތުންގެ ބައިތުލްމާލުން މި ސަރުކާރުން ކުރަމުންދާ އިސްރާފު ހުއްޓުވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ބ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ކަމަދޫ އަށް ވަޑައިގެން މިއަދު އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ފައިސަލް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ހިންގަމުންދާ ކޮރަޕްޝަންގެ ކަންކަމަށް ނިމުމެއް ނެތްކަމަށާއި، އިސްރާފު އިންތިހާއަށް ކުރަމުންދާކަމަށެވެ.

އެހެންނަމަވެސް، އިއްތިހާދުގެ ސަރުކާރެއްގައި އެފަދަ ކަންކަމަށް ބަލާނެ ކަމަށާއި ރާއްޖޭގެ ރަށްރަށް ތަރައްޤީވެ ރައްޔިތުން ބޭނުންވާ ކަންކަން ވެގެންދާނީ، އެބާވަތުގެ ބޭކާރު ޚަރަދުތައް ހުއްޓުވިގެން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި ރައްޔިތުންނަށް ތަރަށްޤީ ގެނެސްދޭނީ ދެފުއްފެންނަ އަދި ކޮރަޕްޝަނާއި އިސްރާފުން ދުރުވެ ތިބެކަމަށެވެ.

ފައިސަލް ވަނީ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި 9 ރަށަކަށް ވަޑައިގެން، އެ އަތޮޅު ކިހާދޫއިން ނިންމަވާލައްވާފައެވެ.