މާލޭގައި ހުންނަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީގައި މިރޭ ވަޅިން ހަމަލާދީ ޒުވާނަކު މަރާލައިފި އެވެ.
އެނގިފައިވާ ގޮތުގައި މަރާލާފައި ވަނީ ފަރެސްމާތޮޑާ އަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް އާއި ހަވާލާދީ "އަވަސް" އިން ރިޕޯޓްކުރާ ގޮތުގައި ޒަޚަމްވި ޒުވާނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިރޭ 7:30 ގައި ކަމަށާއި އޭނާ ގެނައިއިރު ވެސް ފުރާނަ ހުރި ކަމަކަށް ނުބެލޭވުނު ކަމަށެވެ. ނަމަވެސް އޭނާ ހޭއަރުވަން މަސައްކަތް ކުރުމަށް ފަހު މިހާރު އޭނާ މަރުވެފައިވަ ކަމަށް ކަނޑައަޅާފައިވާ ކަމަށް އައްފާލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާއާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
މާލޭގައި ދާދިފަހުންވެސް ހިނގި މާރާމާރީއެއްގައި ވަނީ މީހެއްގެ ބޮލަށް ކޯރާޑިއަކުން ހަމަލާދީފައެވެ. އޭނާ ދަނީ އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ.