ޖަޒީރާ ރާއްޖޭގެ ނަމުގައި ވެރިކަންކުރުމަށް އަންނަ ބަޔަކަށް ބްރިޖެއް ނޭޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ސައީދު ވިދާޅުވީ ޖަޒީރާ ވެރިކަމެއްގައި ރަށްރަށުގައި ނަރުދަމާއެއް އަދި ބަނދަރެއް ވެސް ނަހަދާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވިއްކުމަށް އެކުލަވާލާފައިވާ މެނިފެސްޓޯގައި ތަރައްޤީގެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.
އަދި ސައީދު ވިދާޅުވީ ރޭ ހުޅުވި ސިނަމާލެ ބްރިޖަކީ ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ރައީސަކު ރައްޔިތުންނަށް ގެނެސްދެއްވާނެ އެންމެ ބޮޑު ހަދިޔާކަމަށާއި، އެކަންކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީން ހުރިހާ ކަމެއް ކުރެއްވުމުން ބްރިޖުގެ އޯނާރޝިޕް ނެގުމަށް އިދިކޮޅު ހަތަރު މީހަކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖުގެ ވާހަކަ ދައްކަނީ ހަމައެކަނި ދިވެހިރާއްޖޭގެ ރައްޔިތުން އެކަންޏެއް ނޫން ކަމަށާއި އެވާހަކަ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދައްކަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތްތަކާއި ޓެކްނޮލޮޖީގެ ވާހަކަ ދުނިޔޭގެ 30 އަށްވުރެ ގިނަ ޤައުމުތަކުން ރޭ އެކަނިވެސް ދެއްކި ކަމަށެވެ.