Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެންމެން އެއްބަސްވާ މެނިފެސްޓޯ އެބައޮތް: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓް ގދ. ފިޔޯރީ ރައްޔިތުންނާއި މުޚާތަބު ކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ގުޅިފައިވާ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ ސިޔާސަތުތައް އެކުލެވިގެންވާ މެނިފެސްޓޯއެއް އެބައޮތް ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ ގދ. އާއި ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފިޔޯރީ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން އިބޫ ވިދާޅުވީ ކޮންމެ ރަށަކަށް އައުމުން އެ ރަށަކަށް ނުކޮށްދެވިފައި އަދި ބޭނުންވާ އެތަށް ކަމެއް ރައްޔިތުން އެދެމުންދާ ކަމަށާއި، ރާއްޖެ ތަރައްޤީ ކުރާނެ ގޮތްތަކެއްގެ ތަސައްވަރެއް އިދިކޮޅު ފަރާތްތަކުން ވެސް ގެންގުޅޭ ކަމަށެވެ.

އަދި އެންމެންނަށް އެއްބަސްވެވޭ ސިޔާސަތުތަކެއް ކަނޑައެޅިފައިވާ މެނިފެސްޓޯއެއް އެބައޮތް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އިދިކޮޅު ސަރުކާރެއްގައި ތަރައްގީގެ އެންމެ މުހިންމު ކަމެއް ދީފައި ވަނީ ރައްޔިތުނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި އެގޮތުން ބޯފެނާއި ނަރުދަމާގެ ނިޒަމް ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން، ދަތުރުފަތުރު ކުރުމުގެ ނިޒާމް ތަރައްޤީކޮށް، އިއްތިހާދުގެ އިގްތިސާދީ ސިޔާސަތުގެ ތެރެއިން ލޯކަލް ޓޫރިޒަމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށްދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ. އަދި އިއްތިހާދުގެ ސަރުކާރެއްގައި މަސްވެރިންނަށްވެސް ޙައްޤު އެކަށީގެންވާ އާމްދަނީއެއް ލިބޭނެގޮތް ތަނަވަސްކޮށްދެއްވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އެންމެން އެއްބަސްވާ މެނިފެސްޓޯއެއް އެބައޮތް ކަމަށް އިބޫ މިއަދު ވިދާޅުވިއިރު، އިދިކޮޅު ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ މެނިފެސްޓޯއެއް ނުނެރެވޭނެ ކަމަށާއި އެއްގަލަކަށް ނޭރޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.