Last Updated: June 12, 11:16
Friday, June 12, 2026
ރިޕޯޓް

ކޮންމެ މަރަކާއި އެކު ފުލުހުންގެ ބަޔާނެއް!

ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލާ ކޮންމެ ފަހަރަކު ފުލުހުން ނޫސް ބަޔާނެއް ނެރެއެެވެ. އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީން ކަމާއި އެކު ފަށުވި ނޫސް ބަޔާނެއް ނެރެއެވެ.

ރޭ އެމްއެމްއޭ ކައިރިން ކަރަށް ވަޅި ހަރާލައި މަރާލި ގދ. ފަރެސްމާތޮޑާއަށް އުފަން އުމުރުން 18 އަހަރުގެ އާގިލްގެ މަރާއި އެކު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަޅީގެ ހަމާލާގައި މަރާލެވުނު މީހުންގެ އަދަދު 31 އަށް އެރީއެވެ.

އާގިލްގެ މަރާއި ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ "ނުރައްކާތެރި އަމަލުތަކަށް މަގުފަހިވާ ގޮތަށް ހަރަކާތްތެރިވާ ނުވަތަ އެފަދަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތަކަށް ގާނޫނީ ނިޒާމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ،" ކަމަށެވެ.

ކޮންމެ މަރަކާއި އެކު މިފަދަ ނޫސް ބަޔާނެއް ފުލުހުން ނެރޭ އިރު މިހާރުވެސް ތަފާތު ކުށްތަކުގައި ޖަލަށް ހުކުމް ކޮށްފައިވާ އެތައް ބަޔަކު ވަނީ މިނިވަން ކޮށްފައެވެ. ރައީސް އެކުށްވެރިން ދޫކޮށްލާފައިވާ އިރު ގިނަ ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގައެވެ.

ގޭންގު މާރާމާރީ އާއި ބޮޑެތި ވައްކަމުގެ ކުށުގައި ޖަލަށްލާފައިވާ މީހުންގެ އިތުރުން ގޭންގު މާރާމާރީގައި ޝާމިލްވާ ބައެއް މީހުން މިހާރުވެސް މުޖްތަމައަށް ވަނީ ދޫކޮށްލެވިފައެވެ.

ވީއިރު މިއަދު ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ރައްކާތެރިކަން ކަށަވަރު ހެއްޔެވެ. ރާއްޖޭގައި މިފަހުން މަރާލެވިފައިވާ މީހުންގެ ތެރޭގައި ކަމާއި ނުގުޅޭ، ކުށެއް ނެތް އެތައް ބަޔަކު ވެސް ވަނީ ހިމެނިފައެވެ. އޭގެ ތެރެއިން އެއް ޒުވާނަކީ ރ. މީދޫ އަނަސްއެވެ.

ގޭންގު މާރާމާރީ އާއްމުވެ ރައްޔިތުން ބިރުވެރިކަމެއްގައި ތިބި އިރު މިއަދުވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ހާމަކަން ބޮޑު އެއްވުންތަކުގައި މީހުންގެ ބޯ ބުރިކޮށްލާނެކަމަށް ބުނެ ވާހަކަ ދެއްކޭ ކަމެވެ.

ދާދި ފަހުން ޕީޕީއެމްއިން ހުޅުމާލޭގައި ބޭއްވި އެއްވުމުގެއްގައި ކުރީގެ ރައިސް މުހައްމަދު ނަޝީދުގެ ބޯ ބުރިކޮށްލާނެކަމަށް ބުނެ ދެއްކި ވާހަކަތައް ފުލުހަށް ހުށަހެޅިއެވެ. އެ މައްސަލަ ބެލި ހެއްޔެވެ؟ މިއީ މުޖްތަމައަށް ނުރައްކާތެރި ޓެރަރިޒަމްގެ ވާހަކަ ތަކެވެ. ނަމަވެސް މިކަންކަން ހަމަހަމަ އުސޫލުން ކުރިއަށް ނުގެންދެވޭ ނަމަ ގައުގައި އިންސާފު އޮންނާނެ ހެއްޔެވެ. ހަމައެކަނި ފުލުހުން ނެރެލާ ނޫސް ބަޔާނަކުން ގައުމު އަމާން ކުރެވޭނެ ހެއްޔެވެ.