ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ކުރިމަތިވެފައިވާ ހާލަތާއި މެދު ހިތާމަ ކުރައްވާކަމަށް ރައީސް އަބުދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޅ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިންމުން އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ އިބޫއަށް އަދިވެސް މެނިފެސްޓޯއެއް ލިބިވަޑައިނުގަންނަވާ ކަމަށާއި، އިބޫ މިހާރު ގެންގުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެނިފެސްޓޯޯގެ ބައިތަކެއް ކަމަށެވެ.
އަދި ރައީސް ނަޝީދަށް ކުރިމަތިނުލެއްވޭނެ އިންތިޚާބެއް ރާއްޖޭގައި އޮވެދާނެ ކަމަށް އެމްޑީޕީ އިން އުންމީދު ނުކުރާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތާއި، ޖުމްހޫރީޕާޓީއަކީ އަބަދުވެސް އެމްޑީޕީގެ ފިކުރާއެކު މަސައްކަތް ކުރާ ބައެއް ކަމަށާއި، އެމްޑީޕީގެ ފިކުރު އެމްޑީޕީގެ އިސް ފަރާތްތަކުން އަދިވެސް ބަދަލެއް ނުކުރާކަމަށާއި އެ މީހުން ތިބީ ހަމަ އެގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، އެެންމެ ގިނައިން ޕާޓީ ބަދަލުކުރެއްވީ ރައީސް ޔާމީން ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ސިޔާސީ ޕާޓީތައް ބަދަލު ކުރުމާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި ތިބި ފަރާތްތަކުން ފިކުރު ބަދަލު ކުރުމާއި ވަރަށް ތަފާތު ކަމަށާއި، އެމަނިކުފާނު މިއަދުވެސް ހުންނެވީ އެ ހުންނެވި ފިކުރާއެއްކޮށް ކަމަށެވެ.