އެޅިގަލަކުން ހަމަލާދީ ހއ. ހޯރަފުށި އެމްޑީޕީގެ "މަންތިރި" ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.
ހޯރަފުށީ ކައުންސިލަރު އަހުމަދު އިމްދާހް އާއި ހަވާލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި ވިދާޅުވީ ކޯލިޝަންގެ ކެމްޕެއިންގެ މަސައްކަތްތައް ރޭ ވަރަށް ދަން ވަންދެން ކުރިއަށް ގެންދިޔަ ކަމަށާއި، މަސައްކަތް ނިންމުމަށް ފަހު ޕާޓީގެ މެމްބަރުން ގެއަށް ދިޔައީ 2:30 ހާއިރު ކަމަށެވެ.
އަދި އެ ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފައި ވަނީ 3:30 އާއި 4:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި، މިއަމަލު ހިންގާފައިވަނީ ޖަގަހައިން މީހުން ހުސްވި ވަގުތު ބެލުމަށް ފަހު ކަމަށްވެސް އިމްދާހް ވިދާޅުވި އެވެ.
ރޭ ބިއްލޫރިގަނޑު ތަޅާލި ޖަގަހައަކީ ރިޔާސީ ކެމްޕެއިންގެ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ޖަގަހަ ކަމަށާއި، އެ އަމަލަކީ ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކަށް ބިރު ދެއްކުމަށް ހިންގި އަމަލެއް ކަމަށް އިމްދާހް ވިދާޅުވި އެވެ.
އިމްދާހް ވިދާޅުވީ ޕީޕީއެމްގެ ޖަގަހައަކަށް މިކަހަލަ މައްސަލައެއް ދިމާނުވާ ކަމަށާއި، މިފަދަ މައްސަލަތައް އަބަދުވެސް ކުރިމަތިވަނީ އިދިކޮޅު ފަރާތްތަކަށް ކަމަށެވެ. އެހެންކަމުން ވިސްނާ ބަޔަކަށް އެވަނީ ކިހިނެއްކަން އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހޯރަފުށީ އެމްޑީޕީ ޖަގަހައަށް ހަމަލާދިން މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށާއި، އެ މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުން އަންނަ ކަމަށް އިމްދާހް ވިދާޅުވި އެވެ.