Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ދައުރު ނިމޭ އިރު އަސާސީ ޚިދުމަތްތައް ނުލިބޭ އެއްވެސް ރައްޔިތެއް ނުހުންނާނެ: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓް ގއ. ދެއްވަދޫ ރައްޔިތުންނާއި މުޚާތަބުކުރައްވަނީ - ފޮޓޯ: ޓްވިޓާ (ޢެމްޑީޕީ)

އިއްތިހާދުގެ ވެރިކަމުގެ ދައުރު ނިމޭ އިރު އަސާސީ ޚިދުމަތްތައް ނުލިބޭ އެއްވެސް ރައްޔިތެއް ރާއްޖޭގައި ނުހުންނާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ ގއ. އާއި ގދ. އަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގއ. ދެއްވަދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން އިބޫ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމް މިހާރަށް ވުރެ ރަނގަޅުކޮށް ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ނަރުދަމާ އާއި ލަފާފުރުމުގެ ދަތިތަކާއި ފެނުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.

އަދި އިއްތިހާދުގެ ސަރުކާރެއްގައި ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި ގެސްޓްހައުސް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކަށް ލޯން ދޫކުރާނެ ކަމަށާއި، ކައުންސިލްތަކަށް ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ދެވިގެންދާނެ ކަމަށްވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

އިބޫ ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމަށް ވިސްނަވާފައި އޮތީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި، ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރުމުގައި ބަސް ބުނަން ޖެހޭނީ އެރަށެއްގެ ރައްޔިތުން ކަމަށެވެ.

އިބޫ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އަނިޔާވެރިކަމާއި ބޭއިންސާފުން ސަލާމަތްވުމަށް ކަމަށާއި، އެކަން ވޯޓުން ރައްޔިތުން ދައްކާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.