Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ދިވެހި ރައްޔިތުންނާއެކު ޖަލަށް ދާން ޖެހުނަސް މިހުރީ ތައްޔާރަށް: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓް ގއ. ކޮލަމާފުށީ ރައްޔިތުންނާއި މުޚާތަބުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ކުރިއަށް އޮތް ރިޔާސީ ކާމިޔާބުކުރުމަށް ދިވެހިރައްޔިތުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންނާއެކު ޖަލަށް ވަޑައިގަންނަވަން ޖެހުނަސް އެކަމަށްވެސް ހުންނެވީ ތައްޔާރަށް ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ ގދ. އާއި ގއ. އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގއ. ކޮލަމާފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން އިބޫ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައިވާއިރު، ރައްޔިތުންނަށް އަދި ޚާއްސަކޮށް އިއްތިހާދަށް ތާއީދުކުރައްވާ ފަރާތްތަކަށް އޮތް ގޮންޖެހުން ވަރަށް ބޮޑު ކަމަށާއި، ނަމަވެސް ދިވެހިން ކުރަމުންދާ މަސައްކަތުގައި އެންމެ ތަންކޮޅެއްވެސް ދޫނުކޮށް ކުރިއަށްވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާއެކީގަ ކުރަންޖެހުނު ކޮންމެކަމެއް ކޮންމެ ޤުރުބާނީއެއް ވާން. މިކަމުގާ ތިބޭފުޅުންނާއެކުގަ ޖަލުގަ އޮންނަންޖެހުނަސް އަޅުގަނޑުމެން މިތިބީ ޖަލުގަ ތިބެންވެސް ތައްޔާރަށް. އަޅުގަނޑުމެންގެ މި މަސައްކަތް ފަހަތަކަށް ނުޖެއްސޭނެ." އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮލަމާފުށްޓަކީ މަސްވެރިކަމުގެ ރަށެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ މަސްކަނޑުތަކަށް ނުވަދެވޭނެހެން ދިވެހިން މަސްވެރިކަން ކުރުމަށް އިކޮނޮމިކް ޒޯން ރައްކާތެރިކޮށްދެއްވާނެ ކަމަށެވެ.

އަދި މަސްވެރިންނަށް ލޯނާއި އެކި ކަހަލަ ކްރެޑިޓް ފެސިލިޓިީސް ތަޢާރަފުކޮށް، މަސްވެރިކަމަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރާ ފަރާތްތަކަށް ޕެންޝަން ސްކީމެއް ޤާއިމްކޮށްދެއްވާނެ ކަމަށްވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

އިއްތިހާދުގެ ވެރިކަމެއްގައި ކޮލަމާފުށްޓާއި ޖެހިގެން އޮތް ރަށާއި ކޮލަމާފުށްޓާއި ދޭތެރެ ހިއްކައި އެމްޑީޕީގެ ވެރިކަމުގައި ރާވާފައިވާ ގޮތަށް ކޮލަމާފުށި ތަރަށްޤީކުރާނެ ކަމަށްވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެމުންދާ އަނިޔާތަކުން ސަލާމަތްވުމަށް، އެންމެން އެކީ މަސައްކަތްކޮށް މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ބޮޑު ތާޢީދަކާއެކު ކާމިޔާބުކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.