އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި ފައިސަލް ފުރާވަޑައިގެންނެވީ މިއަދު ހަވީރު އެވެ.
މި ދަތުރުފުޅުގައި މިރޭ އިންޑިއާގެ ޓްރިވެންޑްރަމްގައި ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ފަރާތްތަކާއި ފައިސަލް ބައްދަލުކުރައްވާއިރު، މާދަމާ ހެނދުނު ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެއްލެވުމުގެ ގޮތުން ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމެޖެހިފަ އެވެ.
އަދި މާދަމާ ހަވީރު އިންޑިއާ ގަޑިން ހަވީރު 17:00 ގައި ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނާއި އެކު ހޮޓެލް ރޫބީ އެރީނާގައި ބާއްވާ ބައްދަލުވުމެއްގައި ވެސް ފައިސަލް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅުގައި ފައިސަލް އަރިހުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒާއި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި، މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން އައިމިނަތު ނާދިރާ ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން އިދިކޮޅު އިއްތިހާދުގެ ފަރާތުން ވަނީ ދާދިފަހުން އަވަށްޓެރި ސްރީ ލަންކާގައި ދިރިއުޅުއްވާ ރައްޔިތުންނާއި ވެސް ބައްދަލުކުރައްވާފަ އެވެ.