އިދިކޮޅު ކޯލިޝަނުން ގއ. ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާގެ ކުރީ ސަފުގެ ގޮނޑިބަރި، ވެރިކަން ކުރާ ޕީޕީއެމްގެ ޖަގަހައަށް ގެއްލުން ދިން ކަމަށް ބުނެ އެ ރަށުން ހައްޔަރު ކުރި 18 މީހުންނަށް ޚާއްސަކޮށްފި އެވެ.
މިއަދު އެޖަލްސާގެ ކުރީ ސަފުގައި ހުރި 18 ގޮނޑީގައި ހައްޔަރު ކުރި މީހުންގެ ނަމާއި ފޮޓޯ ޖަހާފައި ހުއްޓެވެ.
މިދިޔަ ބުރާސްފަތި ކޮލަމާފުށިން 18 މީހުން ހައްޔަރުކޮށްފައި މިވަނީ އެރަށުން އެމްޑީޕީގެ މެންބަރުން ނިކުމެ ކޮލަމާފުށީ ޕީޕީއެމް ޖަގަހައަށް ގެއްލުންދީފައިވާ ކަމަށް ޕީޕީއެމުން ބުނެފައިވަނިކޮށެވެ. އަދި އެމީހުންގެ މައްޗަށް މިހާރު ޓެރަރިޒަމްގެ ތުހުމަތުކޮށް، އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއްވެސް ކޯޓުން ވަނީ ޖަހާފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވަނީ އެ ރަށުން ހައްޔަރުކުރި ފަރާތްތައް ހަމަ މިހާރުން މިހާރަށް މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ސިޔާސީ ހަރަކާތްތަކަކީ ކޮންމެ ޕާޓީއެއްގެ ކޮންމެ ފަރުދަކަށް ވެސް ތަފާތު ކުރުމެއް ނެތި ލިބިދޭން ޖެހޭ ޙައްޤެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ކޮލަމާފުށިން ހައްޔަރު ކުރި މީހުންނަކީ ކުށްވެރިން ނޫން ކަމަށާއި އެމީހުންނަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކުރިޔަށް ގެންދިޔަ ހަރަކާތަކުގައި ބައިވެރިވެގެން އެމަސައްކަތުގައި އުޅުނު ބައެއް ކަމަށެވެ.
ކޮލަމާފުށީގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން މި ދަނޑިވަޅުގައި އިބޫ އެ ރަށަށް ވަޑައިނުގަތުމަށް ފުލުހުން އިލްތިމާސްކޮށްފައި ވާއިރު، އިބޫ ވަނީ ފުލުހުންގެ އިރުޝާދަށް ބެލުމެއް ނެތި އެ ރަށަށް ވަޑައިގެންފަ އެވެ.