Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

މަންޒަރު ސާފު، ރައީސް ޔާމީން ވެއްޓޭނެ: އިބޫ

އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގެ ކެމްޕެއިން ޓީމުގެ ތަކުގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ.

ފެންނަ މަންޒަރު ވަރަށް ސާފު ކަމަށާއި، މިމަހުގެ 23 ވަނަ ދުވަހު ރައްޔިތުން ނިކުމެ އަޅާ ވޯޓުން ރައީސް ޔާމީން ބަލިވެ ވެރިކަމުން ފައިބާ ވަޑައިގަންނަވަން ޖެހޭނެ ކަމަށް ގުޅިފައިވާ އިއްތިިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގއ. ގެމަނަފުއްޓަށް އިބޫ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ގެމަނަފުށި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 23 ސެޕްޓެމްބަރުން ފެށިގެން ގާނޫނީ އިމުގެ ތެރެއަށް ރައީސް ޔާމީން ވަންނަވަން ޖެހޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ 23 ސެޕްޓެމްބަރުގައި ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނާނެ ކަމާ މެދު ޝައްކެއް ނުކުރާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ނޮވެމްބަރު މަހާ ހަމައަށް ވެރިކަމުގައި ހުރެވޭނެ ކަމަށާއި އެދުވަސްކޮޅުގެ ތެރޭގައި ގާނޫނީ އިމުން ބޭރަށް ޖެހިވަޑައިގަންނަވަން ފުރުސަތެއް ނުދެއްވާނެ ކަމަށް އިބޫ ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ގާނޫނީ އިމުގެ ތެރެއަށް ވަންނަން ފުރުސަތު ލިބުނު ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ލިިބުމުންވެސް ގާނޫނީ އިމުގެ ބޭރުން ކަންތައް ކުރެއްވުމުން މިއަދު ލިބިފައިވާ މެޖޯރިޓީ ގެއްލިފައިވާ ކަމަށާއި ރައްޔިތުން އެމަނިކުފާނަށް އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އިންތިޚާބުގައި ވާދަކުރައްވާ ދެކެންޑިޑޭޓޫންނާއި ރަނިންމޭޓުން ގެންދަވަނީ ކެމްޕޭނުގައި ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އިބޫ ހުވަދޫގައި ކެމްޕޭނު ކުރައްވަމުން ގެންދަވާ އިރު ރައީސް ޔާމީން ވަނީ މިއަދު ފާދިއްޕޮޅުގެ ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފައެވެ.

އިބޫގެ ރަނިންމޭޓް، ފައިސަލް އަތޮޅު ތެރޭ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ވަނީ ކެމްޕޭނު ދަތުރެއްގައި އިންޑިޔާ އަށް ވަޑައިގެންފައެވެ. އަދި ރައީސް ޔާމީންގެ ރަނިންމޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިއަދު ހދ. އަތޮޅަށާއި ށ. އަތޮޅަށް ކެމްޕޭނުގެ ދަތުރުފުޅެއް ފައްޓަވާފައެވެ.