Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ބަދަލުކުރުން ނިމިއްޖެ، ދެން އޮތީ ގައުމު އާރާސްތުކުރުން: ޝަހީމް

ޑރ. ޝަހީމް ތިނަދޫގެ ސަޕޯޓަރުންނާއި އެކު، ފޮޓޯ: ޝަހީމް އެފްބީ ޕޭޖް

ވެރިކަން ބަދަލުކުރުމާއި ސިޔާސަތުތަކާއި ގާނޫނު އަސާސީ ބަދަލުކޮށް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތީ ގައުމު އިތުރަށް ބިނާކޮށް، އާރާސްތުކުރުމުގެ ދުވަސްތައް ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ކެމްޕޭނަށް ޑރ. ޝަހީމް މިހާރު ހދ. އަތޮޅާއި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމުގެ ގޮތުން ހދ. ހަނިމާދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ގައުމު އެދެނީ ބަދަލަކަށް ނޫން ކަމަށެވެ.

އަދި މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުން، ގުޅިފައިވާ ކޯލިޝަނާ ވެރިކަން ހަވާލުކޮށްފިނަމަ ގައުމު ބިނާ ކުރުމަށް ފެށިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިގެން ދާނެ ކަމަށާއި، އިދިކޮޅު ކޯލިޝަނުގައި ގުޅިގެން، ވެރިކަން ކުރުމުގެ ގާބިލިއްޔަތު ކަމެއް ނެތް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އަދި މަސްހުނި ފިކުރުތަކެއް ހިމެނޭ ކޯލިޝަން، މި ގައުމު ތަޖުރިބާ ކޮށްފައިވާ ކަމަށާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދާއެކު ނިކުތް ކޯލިޝަން ދެމި އޮތީ އެންމެ 21 ދުވަހަށް ކަމަށް ވިދާޅުވެ އިއްތިހާދަށް ފާޑުވިދާޅުވެފައިވެއެވެ.

އަދި މިފަހަރުވެސް ތަފާތެއް ނުވާނެ ކަމަށާއި ވެރިކަން އެބޭފުޅުންނާ ހަވާލުކޮށްފިނަމަ ރޫޅި، ބައިބައިވެގެން ދާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަހީމް ވިދާޅުވެފައިވެއެވެ.

އެހެންކަމުން ތަރައްގީގެ މަޝްރޫއުތަކާ އެކު ދިވެހި ގައުމު ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން އަނެއްކާވެސް ހޮއްވަވާ ދެއްވުމަށް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ. މާލެ އާއި ހުޅުމާލެ ރައްޔިތުންނަށް މިހާރުވެސް ތަރައްގީގެ ފަސޭހަކަން އިހުސާސް ކުރެވޭނެ ކަމަށް ވިދާޅުވެ ޝަހީމް ވަނީ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވުނު ސިނަމާލެ ބުރިޖަށް އިޝާރާތް ކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ ރައީސް ޔާމީންގެ ސިޔާސަތަކީ ހަމައެކަނި މާލެ ތަރައްގީ ކުރުން ކަމަށާއި، އިދިކޮޅު ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް އަތޮޅުތެރެ އިތުރަށް ތަރައްގީ ކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބޫ ވަނީ ވައުދުވެފައެވެ.