މިސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތަކާއި ދަރަނިތައް ދެއްކުމުގެ ގާބިލުކަން އިއްތިހާދުގެ ކެންޑިޑޭޓް، އިބޫ ސޯލިހްގެ ހުންނަވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު އަމީތް ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅުން ގދ. ގައްދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން އެތައް ރަށެއްގައި މިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށް ވިދާޅުވާ ކަމަށެވެ. ނަމަވެސް އެ މަޝްރޫއުތަކުން އެތައް ފައިސާއެއް "ބޮޑުންގެ" ޖީބަށް ވަދެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވެދިޔަ ފަސް އަހަރު ރައީސް އަބްދުﷲ ޔާމީން ވަނީ ދިވެހި ދައުލަތް، 47 ބިލިއަން ރުފިޔާ އިން ދަރުވާލާފައި ކަމަށް އަމީތް ވިދާޅުވިއިރު ސަރުކާރާއި، ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ މީގެ ކުރިން، ކަންކަން ކުރެވޭނީ ލޯނު ނަގައިގެން ކަމަށް ވިދާޅުވެފައެވެ.
އިބޫ ސޯލިހްގެ ވެރިކަމެއްގައި އެމަނިކުފާނަށް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާނީ ވެސް އެ ދަރަނިތައް އަދާ ކުރުމަށް ކަމަށާއި، ނަމަވެސް އެމަނިކުފާނަށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަމީތް ވިދާޅުވިއެވެ.
އަދި އިބޫއަކީ ވައްކަމެއް، ކޮރަޕްޝަނެއްގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެއް ނޫން ކަމަށާއި އެބޭފުޅާއަކީ އިޚުލާސްތެރިވާނެ ބޭފުޅެއް ކަން ޔަގީންކުރެވޭ ކަމަށް އަމީތް ވިދާޅުވިއެވެ.