Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އަނިޔާއާ ދެކޮޅަށް ބިރުފަހަނައަޅައި ނިކުމޭ، ރިޒުގު ދެއްވަނީ ﷲ: ޝެއިޚް އިލްޔާސް

އަނިޔާވެރިކަމާ ދެކޮޅަށް ބިރުފަހަނައަޅައި ނިކުތުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ގޮވާލައްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސީޓީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ ޕޯޑިއަމްގައި ފުރަތަމަ ފަހަރަށް ޝެއިޚް އިލްޔާސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެ ޖަލްސާގައި މިހާރު ރާއްޖޭގައި މިއޮތް ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށް ޝެއިހް އިލްޔާސް ސިފަކުރައްވާފައިވެއެވެ. އިލްޔާސް ވިދާޅުވީ އަނިޔާ ނުހުއްޓުވައިފި ނަމަ އާންމު ވެގެންވާ ކޯފާއެއް އައިސްދާނެ ކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށެވެ. އަނިޔާވެރިކަން ހުއްޓުވުމަށް އެ މީހަކަށް ކުރެވުނު މިންވަރަކަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ހާކިމާއަކީ އަނިޔާވެރިއެއް ނަމަ އޭނާއާ ދެކޮޅަށް ނުކުތުމާއި، އަޑު އުފުލުމާއި އަނިޔާ ހުއްޓުވަން މަސައްކަތް ކުރުމަކީ އިސްލާމްދީން ހުއްދަ ކަމެއް ކަމަށެވެ.

ބިރު ފަހަނައަޅާ ދާން ޖެހޭ ކަމަށާއި ވަޒީފާ ގެއްލިގެން ގޮސްދާނެތީ ބިރު ގަންނަން ނުޖެހޭ ކަމަށް ޝެއިޚް އިލްޔާސް ވިދާޅުވި އެވެ. އަދި ރިޒުޤު ދެއްވަނީ މާތް ﷲ ކަމަށް އޭނާ ހަނދުމަ ކޮށްދެއްވި އެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ އޭނާ ވެސް ނިކުމެ އެ ހުންނެވީ ބިރުފަހަނައަޅައި ކަމަށާއި ޓެރަރިޒަމްގެ ދައުވާ ކުރި ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ. ޓެރަރިޒަމްގެ ދައުވާ ވެސް ކުރަން ވެސް މީގެ ކުރިން ވެސް އުޅުނު ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.

އޭނާ ގުޅިފައިވާ ޕާޓީތަކުގެ ޕޯޑިއަމް އަރައިވަޑައިގަތީ އަނިޔާވެރިކަމާ ދެކޮޅަށް ނުކުތުމުގެ ގޮތުން ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހް އާއި ފައިސަލް ނަސީމަށް ތާއިދު ކުރައްވަން ނިންމެވީ އެ ދެ ބޭފުޅުންނަކީ ވެސް ޚުލުގު ހެޔޮ، ކިބުރުވެރިކަމެއް ނެތް ބޭފުޅުންނަށް ވުމުން ކަމަށެވެ.