Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ﷲ ގަންދީ ހުވާކޮށްފަ މި ބުނަނީ ނުހުޅުވާށޭ އަޅުގަނޑުގެ ދޫ: ޝެއިޚް އިލްޔާސް

އެ ބޭފުޅާއަށް ވެސް ޚުތުބާއެއް ކިޔައިގެން ޓެރަރިސްޓް އަމަލެއް ކުރި ކަމަށް ދައުވާ ކޮށްފަ 12 އަހަރުގެ ހުކުމެއް ޖަހައިގެން ގެންދިޔަ ކަމަށާއި އެ ބޭފުޅާގެ ދޫ ނުހުޅުވުމަށާއި، ހުޅުވީމަ އެތިބަ ވާހަކަތައް ދައްކަން މަޖްބޫރު ވެދާނޭ ކަމަށް ޝެއިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުން ކަންތައް ކުރައްވާ ގޮތަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝައިހް އިލްޔާސް ވިދާޅުވި ގޮތުގައި އޭނާ އެންމެ ބިރުގަންނަނީ އެންމެ ކަމަކަށް ކަމަށާއި އެއީ މުސްލިމެއްގެ އައިބު ނުފޮރުވައި ދެވިދާނެތީ ކަމަށެވެ. ނަމަވެސް ބައެއް ބޭފުޅުން އޭނާގެ ދޫ ހުޅުވުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޝައިހް ވަނީ އޭނާގެ ދޫ ނުހުޅުވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށްވެސް އައި 12 އަހަރުގެ ހުކުމެއް ޖަހާފަ ޓެރަރިސްޓް އަމަލެއް ކުރި ކަމަށް ދައުވާ ކޮށްފަ ޚުތުބާއެއް ކިޔައިގެން. އަޅުގަނޑު ވަރަށް ކެރިހުރެ މި ދަންނަވަނީ އަޅުގަނޑުގެ ދޫ އިތުރަށް ނުހުޅުވުމަކީ އަޅުގަނޑު އެދޭ އެދުމެއް. ހަމަ ﷲ ގަންދީ ހުވާކޮށްފަ މި ބުނަނީ ނުހުޅުވާށޭ އަޅުގަނޑުގެ ދޫ. ނުހުޅުވާށޭ އަޅުގަނޑު މިދަންނަވަނީ. އެހެން ނޫނީ އަޅުގަނޑަށް މަޖްބޫރު ވެދާނެއޭ މި އެއްޗެހިތައް ކިޔަން" ޝެއިޚް އިލްޔާސް ވިދާޅުވިއެެވެ.

ޖަލުގައި ތިއްބެވި އެކި ފަރާތްތަކަށް އިޝާރާތް ކުރައްވާ ޝެއިޚް އިލްޔާސް ވިދާޅުވީ ޖަލުގައި "ބިރުފަހަނައަޅާ ދާން އެބަޖެހޭ. އަޅުގަނޑުމެން (އިލްމުވެރިން) އެބަޖެހޭ ސާބިތުވާން. އަޅުގަނޑުމެން ޖެހޭނެ ހައްގުބަސް ބުނަން. މިއަދު ކެތް ނުކުރެވިގެން މި ނިކުތީ. އަޅުގަނޑުމެންގެ ތެރޭގައި ކިތަށް މީހުންނަށްތޯ ޖަލުގައި އަނިޔާތަށް ތަހައްމަލް ކުރަމުން އެގެންދަނީ؟" މިފަދައިންނެވެ.

"މިގައުމުގައި އިސްލާމްދީން އޮންނާނެ. މިހާރު އޮތް ގޮތަށް އަދިފަހުން ވެސް އޮންނާނެ. އިސްލާމްދީނާ ކުޅެލަން މަސައްކަތް ކުރާ ކޮންމެ މީހަކު ނިކަމެތިވާނެ. މިދީން ހަތް އުޑުގެ މައްޗަށް އުފުލިގެންދާނެ. ސަބަބަކީ ﷲ ގެ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސެއްގައިވޭ، ހައްގަކީ އަރައިގެންދާނެ އެއްޗެކޭ. ހައްގުގެ މައްޗަށް އަރައިގަންނަ މީހާ ބިންމައްޗަށް ވެއްޓޭނޭ. އެކަން އަޅުގަނޑުމެންނަށް ﷲ ދައްކަވާނެ. އެއީ ﷲ ގެ ސުންނަތެއް" ޤުރުއާންގެ މޫރިތި އާޔަތްތަކުގެ އިތުރުން ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުން ދަލީލު ދައްކަވަމުން ޝައިހް ވިދާޅުވިއެވެ.