Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ހަފްސީ ޕީއެސްއެމް ދޫކޮށްލައިފި

ދައުލަތުގެ މީޑިއާ އެއްގައި ހުންނަންޖެހޭ ގިނަ ސިފަތަކެއް ފާހަގަ ކުރައްވާ އެ ސިފަތައް ރާއްޖޭގެ ދައުލަތުގެ މީޑިއާ ކަމަށްވާ ޕީއެސްއެމްގައި ނެތްކަމަށް ވިދާޅުވެ އެތަނުގެ އެގްޒެކްޓިވް އެޑިޓަރ- ސްޕޯޓްސް ހަފްސީ ޢަބްދުﷲ މަގާމުން އިސްތިއުފާ ދެއްވާ އިދިކޮޅު ކޯލިޝަނާއި ގުޅިއްޖެއެވެ.

ހަފްސީ ކުރެއްވި ޓްވީޓެއްގައި މިކަން ކަށަވަރު ކޮށްދެއްވާ އިސްތިއުފާ ދެއްވުމާއިގުޅޭ ލިޔުމެއްވެސް ވަނީ އާންމު ކުރައްވާފައެވެ.

ހަފްސީ އާންމު ކޮށްފައިވާ ލިޔުމުގައިވާ ގޮތުން ސެޕްޓެމްބަރު 2005ން ފެށިގެން އޭނާ ދައުލަތުގެ ރަސްމީ މީޑިއާގައި ނޫސްވެރިއެއް ގޮތުގައި ހަރަކާތްތެރިވާން ފެށީ އޭނާ އެ ދާއިރާއަށް ހުރި ޝައުޤުވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހޭ މިނިވަން މީޑިއާއެއްގައި މަސައްކަތް ކުރުމުގެ ނިޔަތުގައި ކަމަށް ލިޔެފައިވެއެވެ. ކޮންމެ ޤައުމެއްގައިވެސް ދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ މެދުގައި އެންމެ އިތުބާރު އޮންނަންޖެހޭ މީޑިއާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ހަމަހަމަ ކަމާއެކު ތެދު ޚަބަރު ފެތުރުމާއި، އިޖްތިމާޢީ، ސިޔާސީ، އަދި އަޚްލާޤީ ސިފަތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ މީޑިއާއިން އަދާކުރަންޖެހޭ އެންމެ އިސް ޒިންމާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް މިއަދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ކަންކަން ހިނގަމުންދަނީ އެގޮތުގެ މަތިން ނޫންކަން އޭނާ ވަނީ ހިތާމައާއިއެކު ފާހަގަ ކުރައްވާފައެވެ. ދައުލަތުގެ މީޑިއާގައި ހަފްސީ ހޭދަކުރި ދިގު މުއްދަތުގައި މި މިންވަރަށް ދައުލަތުގެ މީޑިއާގެ ހިންގުން ޚަރާބުވެގެން ދިޔަ ފަހަރެއް ނާންނަކަމަށް އޭނާ ވިދާޅުވިއެވެ. ޕީއެސްއެެމްއިން މިހާރު ފަތުރަމުން ގެންދާ ޚަބަރު ތަކުގައި، ދައުލަތުގެ މީޑިއާ އަކުން ޚަަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ ސިފަތަކާ ތަޢާރުޟުވެ، މުޖުތަމަޢުގެ އާންމު އަޚްލާޤީ މިންގަނޑު ހިފެހެއްޓުމުގެ ޒިންމާއާއިވެސް ޚިލާފުވެފައިވާ ކަމަށް ހަފްސީ ދެކޭ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ. މީގެ އިތުރުން، ޕީއެސްއެމް އިދާރީ ހިންގުމުގެ އުސޫލުތަކުގައި އިންސާފުވެރި ނޫންކަންވެސް އޭނާ ވަނީ ހިތާމައާއެކު ފާހަގަ ކުރައްވާފައެވެ. މިގޮތުން މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލާ އެ މުވައްޒަފުންނާއިމެދު ތަފާތު ކުރުން ގެންގުޅުމާއި، ޚަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ އަސާސީ އަޚްލާޤީ އުސޫލުތައް ދޫކޮށް، ވަކި ފަރާތަކަށް ބުރަވެ ޚަބަރު ފެތުރުމާއި، ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ސިފަނެތިގެން ގޮސްފައިވާ ކަންވެސް އޭނާ ފާހަގަ ކުރައްވާފައިވެއެވެ. އެހެން ކަމުން، މިއަދު ޕީއެސްއެމްގައި ހަމަހަމަ ކަމާއެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެވޭނެ ޖާގައެއް އަދި މާހައުލެއް އޮތްކަމަކަށް އޭނާ އަށް ގަބޫލެއް ނުކުރެއްވޭ ކަމަށް ހަފްސީ ވިދާޅުވެފައިވެއެވެ.

މި ހުރިހާ ސަބަބުތަކަކާއިއެކު އޭނާ ވަނީ 1 ސެޕްޓެމްބަރު 2018 އިން ފެށިގެން ޕީއެސްއެމްގެ އެގްޒެކްޓިވް އެޑިޓަރ-ސްޕޯޓްސް ގެ މަޤާމުން އިސްތިއުފާ ދެއްވާފައި ކަމަށް އޭނާ ވަނީ އެ ލިޔުމުގައި ވިދާޅުވެފައިވެއެވެ.