ދީނީ އިލްމުވެރިޔަކު ކޮންމެ ފަސް އަހަރަކުން އެއް އަހަރު ވެރިމީހާގެ މައްޗަށް އިއްވާ ހުކުމަކުން ވެރިކަން ނުވެއްޓޭނެ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ހދ. ނޮޅިވަރަމްގައި ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅުގައި ރައްދު ދެއްވާފައިވަނީ ރޭ، އައްޑޫ ސިޓީގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ ރައީސް، ޝެއިޚް އިލްޔާސް ހުސެއިނަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތް ކުރެއްވި ދެބޭފުޅުން ދެފަޅިއަށް ޖެހިވަޑައިގެންފައިވާއިރު ދެބޭފުޅުންގެ ބަހުގެ ހަމަލާތައް އަންނަނީ އެކި ފަހަރު މަތިން ބަދަލުވަމުންނެވެ.
މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝެއިޚް އިލްޔާސް ވަނީ ރޭގެ ޖަލްސާގައި، އަދުލު އިންސާފު ގާއިމުކުރުމެއް ނެތި ދީނުގެ ވާހަކަ ދެއްކުމުގެ ޙައްގެއް ލިބިގެން ނުވާ ކަމަށް ވިދާޅުވެފައެވެ. އިލްޔާސްގެ ވާހަކާގައި އެއްވެސް ނަމެއް ބަޔާން ކޮށްފައިނުވި ނަމަވެސް ނުސީދާ ގޮތުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވިއެވެ.
އިލްޔާސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވެފައިވަނީ ދިވެހިންނަކީ ހޭލުންތެރި ބައެއް ކަމަށާއި ޝެއިޚުން ފަތަވާ ދީގެން ވެރިކަން ވައްޓާނުލެވޭނެ ކަމަށެވެ.