ކުރީގެ ސީޕީ އަދި ޖޭޕީގެ ނައިބު ލީޑަރުކަން ކުރެއްވި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރ، އަބްދުﷲ ރިޔާޒްގެ މައްޗަށް އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުވެ ނިމިފައިވާތީ ރިޔާޒް ވަގުތުން މިނިވަން ކޮށްދިނުމަށް ރިޔާޒްގެ ގާނޫނީ ވަކީލުންގެ ޓީމުން ކަމާ ބެހޭ ފަރާތްތަކަށް ދަންނަވައިފިއެވެ.
ރިޔާޒުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންނަށް ރިޔާޒުގެ ފޯނުގެ ޕިންކޯޑު ނުދިން މައްސަލާގައި ކޮށްފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ވެފައިވާއިރު ހަމަހަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހުކުމް ތަންފީޒުވެ ނިމިފައިވާއިރު ރިޔާޒް ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް މިބަޔާނުގައި ވެއެވެ.
ރިޔާޒް ހައްޔަރުކޮށްފައިވަނީ އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުގައެވެ. އަދި އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހުގައެވެ.
ހުކުމް އިއްވާފައިވަނީ ދަށު ކޯޓުން މިމައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވަނިކޮށް، ދަށު ކޯޓުގެ ހުކުމް ބާތިލު ކުރުމަށް ފަހުގައެވެ. ރިޔާޒުގެ މައްޗަށްވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ދައުވާއާއި ޓެރަރިޒަމްގެ ދައުވާވެސް ކްރިމިނަލް ކޯޓްގައި އުފުލާފައެވެ.