Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ޑރ. ޝަހީމްއަށް ޝެއިޚް އަލީ ޒައިދުގެ ފާޑުކިޔުން

އައްޝައިހް އަލީ ޒައިދު

ކޮންމެ ފަސް އަހަރުން އެއް އަހަރު ޝެއިޚެއް ނިކުމެ ހުކުމް އިއްވިޔަސް ވެރިކަމުން ފައިބާކަށް ނުޖެހޭނެ ކަމަށް ބުނެ ރައީސް ޔާމީންގެ ރަނިންމޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވި ވިދާޅުވުމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ފާޑުވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީގައި އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، ޝެއިޚް އިލްޔާސް ހުސެއިން ދެއްވި ދަރުހަށް ފާޑުވިދާޅުވަމުން މިއަދު، ޝަހީމް ވަނީ ހދ. ނޮޅިވަރަމްގައި، ކޮންމެ ފަސް އަހަރުން އެއް އަހަރު ޝެއިޚަކު ނިކުމެ ވެރިމީހާގެ މައްޗަށް އިއްވާ ހުކުމަކުން ވެރިކަން ނުވެއްޓޭނެ ކަމަށް ވިދާޅުވެފައެވެ.

ޝަހީމްގެ އެވާހަކައަށް ރައްދު ދެއްވަމުން ޝެއިޚް އަލީ ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގުރުއާނުގެ އާޔަތާއި ހަދީސްގެ އަލީގައި ދަރުސް ދިނުމަކީ ފަސް އަހަރުން އެއް އަހަރު ޝެއިޚެއް ނިކުމެ ހުކުމް އިއްވުން ކަމަށް ސިފަކުރުމަކީ ލަދުވެތި ވާން ޖެހޭ ކަމެއް ކަމަށެވެ.

އަދި ކޮންމެ މީހަކު ވިޔަސް ގޯސްކަމެއް ކުރުމުން އެކަމަކީ ގޯސް ކަމެއް ކަމުގައި ބަޔާން ކުރާ މީހުންނަކީ އިޚުލާސްތެރިން ކަމަށާއި މުންކަރާތްތަކަށް ނޫނެކޭ ބުނަން ޖެހޭނެ ކަމަށެވެ.