މިއަދު ބާރުގައި ތިއްބެވި ބޭފުޅުން ބޮޑާ ނުވުމަށާއި ސިކުންތުކޮޅެއްގެ ތެރޭގައި ހުރިހާ ބާރެއް ކެނޑިގެން ހިނގައިދާނެ ކަމަށް ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
މިރޭ ހުޅުމީދޫގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝެއިޚް އިލްޔާސް ވަނީ ސަރުކާރަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެފައެވެ.
އެގޮތުން މިއަދު ބާރުގައި ތިބި ބޭފުޅުން ބާރު ދައްކަވަމުން އެބަ ގެންދަވާ ކަމަށާއި، ނަމަވެސް އެބޭފުޅުން މާޒީއިން ފިލާވަޅު ނަގައި ވިސްނާ ވަޑައިގަތުމަށް އިލްޔާސް ގޮވާލާފައިވެއެވެ.
އިބޫ ސޯލިހަށް ތާއީދު ކޮށް ޝެއިޚް އިލްޔާސް ވަނީ އިބޫގެ ކެމްޕޭނުގައި އިދިކޮޅު ކޯލިޝަނާ ބައިވެރިވެވަޑައިގެންފައެވެ. އިލްޔާސް ވިދާޅުވީ އިބޫއަށް ތާއީދު ކުރަން ނިންމެވީ، އަޑުގަދަ މީހުންގެ ތެރޭގައި މަޑުމައިތިރި ކަން އިސް ކުރައްވާ، ވަރުގަދަ ލީޑަރުންގެ ނަމޫނާ ދައްކަވާ ހިތްވަރުގަދަ ލީޑަރަކަށް އެބޭފުޅާ ވާތީ ކަމަށެވެ.
އަދި އަބަދުވެސް އޭނާއަކީ އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ތެދުވާނެ ބޭފުޅެއް ކަމަށާއި ހުރިހާ ރައްޔިތުންވެސް އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ތެދުވުމަށް ޝެއިޚް އިލްޔާސް ވަނީ ގޮވާލާފައެވެ.