Last Updated: June 11, 06:23
Thursday, June 11, 2026
ޚަބަރު

ދީނާ ޚިލާފު ކަމެއް ކުރާނަމަ އެވާހަކަ ދައްކާނަން، އަދިވެސް ދައްކާނަން: އިލްޔާސް

ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްޤައްޔޫމާއި، މުހައްމަދު ނަޝީދު އަދި ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި ދީނާއި ޚިލާފު ކަންތައް ކުރެވުނު ކަމަށާއި އޭރު އެކަންތައްތަކުގެ ވާހަކަ ދެއްކި ކަމަށް ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް ނަޝީދާ ދެކޮޅަށް ކުރިން ދައްކާފައިވާ ވާހަކަތަކުގެ ރެކޯޑިން ސޯޝަލް މީޑިޔާގައި ދައުރުވެ، އޭނާއަކީ ދެއިރު ދެގޮތަށް ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށް ބުނެ ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ޝެއިޚް އިލްޔާސް ވަނީ ފާޑުކިޔުންތަކަށް މިރޭ ހުޅުމީދޫގައި ބާއްވާފައިވާ ޖަލްސާގައި ރައްދު ދެއްވާފައެވެ. އިލްޔާސް ވިދާޅުވީ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް، ދީނާ ޚިލާފު ކަމެއް ކުރެވިގެންދާނަމަ އެވާހަކަ ދައްކައި އެކަމަށް ރައްދުދީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ދީނާ ޚިލާފު ކަންތައް ހިނގާފައިވޭ. އެވާހަކަ އޭރު ދެއްކިން. ޑިމޮކްރަސީ ރާއްޖެއަށް ގެނައުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ދީނާ ޚިލާފު ކަންތައް ހިނގި. އެވާހަކަވެސް ދެއްކިން، ފާޅުގައި ރައްދު ދީފައިވާނެ. ދީނާ ޚިލާފު ކަމެއް ކުރާނަމަ އަބަދުވެސް އެވާހަކަ ދައްކާނަން،"

ޝެއިޚް އިލްޔާސް އިތުރަށް ވިދާޅުވެފައިވަނީ މިވެރިކަމަކީ އެންމެ ދީނާ ޚިލާފު ކަންތައް ފެނިގެން ދިޔަ ވެރިކަން ކަމަށެވެ. އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވަނީ މިވެރިކަމުގައި ކަމަށާއި އެކަމާ ދެކޮޅަށް މިހާރު މިހުރީ ތެދުވިފައި ކަމަށް ވިދާޅުވިއެވެ.

އަދި އަނިޔާވެރިކަމާ ދެކޮޅަށް ހުރިހާ ރައްޔިތުންވެސް ތެދުވުމަށް ޝެއިޚް އިލްޔާސް ވަނީ ގޮވާލާފައެވެ. އަދި އެފަދަ ވާހަކަ ދެއްކުމުން ޖަލަށް ލާފާނެ ކަމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް ފަރުވާލެއް ނެތް ކަމަށް އިލްޔާސް ވިދާޅުވެފައިވެއެވެ.