ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެެއިން ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ފުލުހަށް ހާޒިރުކޮށްދިނުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރ އަހުމަދު ނިހާން ހުސެއިންމަނިކު ފުލުހުންގެ ކިބައިން އެދިއްޖެއެވެ.
ނިހާން ކުރެއްވި ޓުވީޓެއްގައި އިލްޔާސް ފުލުހަށް ހާޒިރުކުރުމަށް ގޮވާލާފައިވަނީ މަރްޙޫމް ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ޒުވާނުންތަކެއް މަރާލެވިފައިވާ ކަމަށާއި އެމައްސަލަ ނުބަލަނީ ކީއްވެތޯ ވިދާޅުވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ދަނިކޮށް 2012 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އިލްޔާސަށް ލިބިފައިވާ މައުލޫމާތު އޮޅުންފިލުވަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ފުލުސް އޮފީހަށް ހާޒިރު ކުރަން ނިހާން ވަނީ ފުލުހުން ޓެގު ކުރައްވާ ކުރި ޓުވީޓުގައި ގޮވާލާފައެވެ.
އިދިކޮޅު ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން އިލްޔާސް ދެއްކެވި ވާހަކައަށް ނިހާން ވަނީ އެކި ފަހަރު މަތިން ރައްދު ދެއްވާފައެވެ. އެގޮތުން އިލްޔާސަކީ ދެއިރު ދެގޮތަށް ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށް ބުނެ ނިހާން ވަނީ ފާޑުވިދާޅުވެފައެވެ.
ނަމަވެސް އިލްޔާސް ވަނީ މިރޭ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އެވާހަކަތަކަށް ރައްދު ދެއްވާފައެވެ. އިލްޔާސް ވިދާޅުވެފައިވަނީ އޭނާ އަބަދުވެސް އިސްލާމް ދީނާ ޚިލާފުވާނަމަ އެވާހަކަ ދައްކަވާނެ ކަމަށެވެ.