Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ކޫއްޑޫ އާއި ވިލިނގިލި ބްރިޖަކުން ގުޅާލަދޭނަން: އިބޫ

އިއްތިހާދެއްގެ ވެރިކަމެއްގައި ގއ. ކޫއްޑޫ އާއި ވިލިނގިލި ބްރިޖަކުން ގުޅާލަދޭނެކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ރޭ ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ގއ. އަތޮޅަކީ މަސައްކަތްތެރީން ގިނަ އަތޮޅެއް ކަމަށާއި، ކޫއްޑޫ އަކީ މަސައްކަތް ކުރާ ސިނާއީ ރަށެއް ކަމަށެވެ. އެހެންވެ އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ދަތުރު ފަތުރު ފަސޭހަ ކުރުމަށްކަމަށެވެ.

ކޫއްޑޫ އާއި ވިލިނގިލީ ދޭތެރޭގައި އޮތީ ކުޑަ ކަނޑެއް ކަމަށާއި އެ ކަނދު ހުރަސްކޮށް ބްރިޖެއް އެޅުމަކީ ހުވަދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އަތޮޅުގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އަތޮޅަކީވެސް ހުވަދޫ އަތޮޅެވެ. އިބޫ ވިދާޅުވީ ހުވަދޫ އަތޮޅު މުޅި ދުނިޔެއަށް ހުޅުވާލައި، އެ އަތޮޅުގައި އިންޓަރނޭޝަނަލް ޕޯޓަކާއި އެއާޕޯޓެއް ތަރައްޤީކޮށް ކޫއްޑޫ މަސް ފެކްޓަރީން ފަސޭހައިން މަސްކިރޭނެ އިންތިޒާމު ހަމަޖައްސާދެނެކަމަށެވެ.

ހުވަދޫގެ 18 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާތަނަށް 14 ރަށަކަށް އިބޫ ވަޑައިގެންފައިވާ އިރު މިއަދުގެ ވަގުތެއްގައި ބާކީ ހުރި 4 ރަށަށް ވަޑައިގަންނަވާނެ އެވެ.