ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ ދީޕިކާ ޕަދްކޯން އާއި އަރްޖުން ކަޕޫރު ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެންނަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ދެ ތަރިން އެކުގައި ކުޅޭ ފިލްމަކީ ދީޕިކާ ހިމަނައިގެން ހެދި ކާމިޔާބް ފިލްމް "ކޮކްޓެއިލް" ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ އިނގިރޭސި ފިލްމް "ފައިންޑިން ފެނީ" އެވެ.
މި ފިލްމް ޕްރޮޑިއުސް ކުރަނީ ދިނޭޝް ވިޖަން އެވެ. އެހެން ނަމަވެސް މި ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
އެހެން ނަމަވެސް ދީޕިކާ އާއި އަރްޖުން ފަދަ ޒުވާން ޖޯޑްތަކުގެ ކެމިިސްޓްރީ ސްކްރީނުން ބަލާލަން ކެތްމަދުވެފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ.
ދީޕިކާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކު ކުޅެފައިވާ "ޔެ ޖަވާނީ ހޭ ދީވާނީ" އާއި ޝާހް ރުކް ހާނާ އެކު ކުޅޭ "ޗެންނައި އެކްސްޕްރެސް" އަދި ރަންވީރް ސިންގް އާ އެކު ކުޅޭ "ރާމް ލީލާ" ހިމެނެ އެވެ.
އަރްޖުންގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "އޯރެންގަޒަބް"، "2 ސްޓޭޓްސް" އަދި "ގުންޑޭ" ހިމެނެ އެވެ.