Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

މިޔަންމާ ދެ ނޫސްވެރިޔަކު ޖަލަށް ލާން ހުކުމްކޮށްފި

ރޮއެޓާސް ނިއުސް އޭޖެންސީގައި މަސައްކަތް ކުރަމުންދިޔަ މިޔަންމާރުގެ ދެ ނޫސްވެރިޔަކު 7 އަހަރު ދުވަހަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ރޮއެޓާސްގައި މަސައްކަތް ކުރަމުން ދިޔަ ވަ ލޯން އަދި ކިއު ސޫ އީ ހައްޔަރުކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ނޫސްވެރިން ހައްޔަރުކޮށްފައިވަނީ މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެގައުމުގެ ސިފައިން ހިންގި ލާއިންސާނީ އަމަލުތައް ކަވަރު ކުރަމުން ދަނިކޮށެވެ.

ނޫސްވެރިން ހައްޔަރުކުރީ ފުލުހުން އެމީހުންނަށް ދީފައިވާ ނޫސްވެރިންގެ ހުއްދަވެސް ހިފައިގެން ތިއްބައެވެ. ދެ ނޫސްވެރިންނާ ދެކޮޅަށް ދައުވާ ކުރީ މިޔަންމާރުގެ ސިއްރުތަކާ ބެހޭ ގާނޫނު މުގުރާލުމުގެ ތުހުމަތުގައެވެ.

ހުކުމް އިއްވަމުން ގާޒީ ވަނީ ދެ ނޫސްވެރިން ވެސް ގަސްދުގައި އެގައުމުގެ ގާނޫނާއި ޚިލާފު ވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

ރޮއެޓާސް ނޫސްވެރިންނާ ދެކޮޅަށް ކުރި ހުކުމަކީ މިޔަންމާރު އަދި މުޅި ދުނިޔޭގައި ވެސް މިނިވަން ނޫސްވެރިކަމަށް އެޅުނު ހުރަހެއް ކަމަށް ރޮއެޓާސްގެ އެޑިޓަރ-އިން ޗީފް، ސްޓީވަން އެޑްލާ ބުނެފައިވެއެވެ.

ދެނޫސްވެރިންގެ ދިފާއުގައި މަޝްހޫރު އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ގާނޫނީ ވަކީލް، އަމާލް ކްލޫނީ ވެސް ވަނީ ބައިވެރިވެފައެވެ. އަމާލް ކްލޫނީ ކުރިން ބުނެފައިވަނީ ދެ ނޫސްވެރިން މިނިވަން ވެގެން ނޫނީ ހުއްޓާނުލާނެ ކަމަށެވެ.